ޔޫއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލުގައި ރޭ 2-1 އިން އިޓަލީ ބަލިކޮށް ސްޕެއިން ފައިނަލަށް ދަތުރުކޮށްފި އެވެ.
އަންނަ އާދީއްތަ ދުވަހު ކުޅޭ ނޭޝަންސް ލީގުގެ ފައިނަލްގައި ސްޕެއިން ބައްދަލުކުރާނީ ކްރޮއޭޝިއާއާ އެވެ. ކްރޮއޭޝިއާ ފައިނަލަށް ދަތުރުކުރީ ސެމީގައި ނެދަލޭންޑްސް 4-2 އިން ބަލިކުރުމަށްފަހު އެވެ.
ނެދަލޭންޑްސްގައި ކުޅުނު މި މެޗުގެ ތިންވަނަ މިނެޓްގައި ޔެރެމީ ޕީނޯ ވަނީ ސްޕެއިނަށް ލީޑު ނަގައިދީފަ އެވެ. ޕީނޯ މި ގޯލު ކާމިޔާބު ކުރީ އިޓަލީގެ ކެޕްޓަން ލިއަނާޑޯ ބޮނޫޗީ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ.
މި ގޯލަށްފަހު އިޓަލީން ކުރިއަށް ޖެހިލައިގެން ކުޅެ ދިޔައީ ސްޕެއިންގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރަމުންނެވެ. އެގޮތުން މެޗުގެ 11 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން އިމޯބިލޭ ވަނީ އިޓަލީ އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މި ޕެނަލްޓީ އިޓަލީ އަށް ލިބުނީ ސްޕެއިންގެ ޑިފެންޑަރު ރޮބިން ލެ ނޯމަންޑްގެ އަތުގައި ބޯޅަ ޖެހުމާ ގުޅިގެންނެވެ.
ދެ ޓީމު ވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފް ޑޮމިނޭޓްކޮށްގެން ކުޅެ ސްޕެއިނުން ދިޔައީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތައް ތަނަވަސްކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 88 ވަނަ މިނެޓްގައި ޖޮސެލޫ ވަނީ މި މެޗުން ސްޕެއިން މޮޅުވި ގޯލު ކާމިޔާބުކޮށްދީފަ އެވެ. ޖޮސެލޫ މި ގޯލު ކާމިޔާބު ކުރީ ކުޅެން އެރިތާ ފަސް މިނެޓް ތެރޭގަ އެވެ.
ސްޕެއިނަށް އެންމެފަހުން ބޮޑު މުބާރާތެއްގެ ތަށްޓެއް ލިބިފައިވަނީ 2012 ވަނަ އަހަރު އެވެ. އެއީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތަށްޓެވެ. ސްޕެއިނާއި ދެކޮޅަށް ފައިނަލްގައި ނިކުންނަ ކްރޮއޭޝިއާ އަށް މިހާތަނަށް ތަށްޓެއް ލިބިފައެއް ނުވެ އެވެ.