މިދިޔަ އެޕްރީލް މަހުގެ ފަހުކޮޅު އޮލިމްޕަސް ސިނަމާގައި އެޅުވި ކޮމެޑީ ފިލްމު "ވަނާޖުބޭސާ" ބައިސްކޯފަށް ގެންނަން ނިންމައިފި އެވެ.
އެ ފިލްމު ވަރަށް އަވަހަށް ސްޓްރީމިން އަށް ދޫކޮށްލާނެކަން އިއުލާންކޮށް، ބައިސްކޯފުން މިހާރު އޭގެ ޓްރެއިލާއެއް ވެސް އަންނަނީ ދައްކަމުންނެވެ.
"ވަނާޖުބޭސާ" އަކީ ކެމެރާމަން ވިޝާލް ޒަކީ ލިޔެ، ޑައިރެކްޓްކޮށް އަދި މާ މަޝްހޫރު ނޫން ފަންނާނުންތަކެއް ހިމަނައިގެން ގެނެސްދިން ފިލްމެކެވެ. ބެލުންތެރިންގެ ފަރާތުން ފުދޭ ވަރެއްގެ ތަރުހީބެއް ލިބުނު މި ފިލްމުގެ މައިގަނޑު ކާސްޓުންނަކީ ޓީވީ އިޝްތިހާރުތަކުންނާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ވެސް އާންމުކޮށް އެކީގައި ފެންނަ އަދި ކާއްޓޭ ޑިވާންޝޯގެ ނަމުން މަޝްހޫރު ނަޒީރު ޝިހާމާއި ކޮމީޑިއަން ހުސައިން ސާދު (މަޓޭ) އެވެ.
ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި މުހައްމަދު ސައީދުގެ އިތުރުން އައިޝަތު ރިޝްމާ، އަހުމަދު ޝަކީބު، އައިޝަތު ޝިރާނީ، ޖަލްވާން މުހައްމަދު އަދި ހަދީޖާ އަލީ ހިމެނެ އެވެ.