ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން ދޭ އިނާޔަތް ބޮޑުކުރަން ނިންމުމަކީ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އިރު އެކަމާ ގުޅޭ ގޮތުން ހުށަހެޅުއްވި ބިލަށް ލިބުނު ކުރިއެރުމެއް ކަމަށް މަކުނޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނައީމު ވިދާޅުވެއްޖ އެވެ.
ނުކުޅެދުންތެރިންގެ އިނާޔަތް ސަރުކާރުން އިއްޔެ ބޮޑުކުރުމާ ގުޅިގެން އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެލަވަންސް ބޮޑުކުރުން އެއީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ އެލަވަންސް ބޮޑުކުރުން އެއީ ލިބުނު ވަރަށް ބޮޑު އުފަލެއް. މަރުހަބާ އާއި ޝުކުރު ދަންނަވަން. މިއީ 2014 ވަނަ އަހަރު އަޅުގަނޑު މަޖިލިހަށް ހުށަހެޅި ބިލަށް ލިބުނު ކުރިއެރުމެއް. الحمدلله
— Dr. Anara Naeem (@AnaraNaeem) June 15, 2023
"މަރުހަބާ އާއި ޝުކުރު ދަންނަވަން. މިއީ 2014 ވަނަ އަހަރު އަޅުގަނޑު މަޖިލިހަށް ހުށަހެޅި ބިލަށް ލިބުނު ކުރިއެރުމެއް. الحمدلله." އަނާރާ ވިދާޅުވި އެވެ.
އިނާޔަތަށް ގެނައި ބަދަލަށް ބަލާ އިރު، އިނާޔަތް ވަނީ 3،000ރ. އަށް ބޮޑުވެފަ އެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ އެންމެންނަށް ގާނޫނުގައި މިހާރު ލާޒިމްކޮށްފައިވާ 2،000ރ. އާއި މާލީ އިނާޔާތުގައި ދޭ އިތުރު 1،000ރ. އާއެކު، ޖުމްލަ 3،000ރ. ގެ އެލަވަންސެއް ދެން ލިބޭނެ އެވެ. އަދި ހާލަތްތަކަށް ރިއާޔަތްކޮށް ބައެއް މީހުންނަށް 7،000ރ. އާ ހަމައަށް ލިބޭނެ އެވެ.