Last Updated: July 25, 18:05
Saturday, July 25, 2026
މުނިފޫހިފިލުވުން

ނޭހާ ވަރިފަށަށް އެރި ވާހަކަ އަކީ ދޮގެއް

ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އިންޑިއާގެ މީޑިއާތަކުގައި އެންމެ ހޫނުކޮށް ދެކެވުނު އެއް ވާހަކަ އަކީ ލަވަކިޔުންތެރިޔާ ނޭހާ ކައްކަރްގެ ކައިވެނީ ރޫޅެން އުޅޭ ވާހަކަ އެވެ. އޭނަ އާއި ފިރިމީހާ ރޯހަންޕްރީތު ސިންގުގެ ކައިވެނީގެ ގުޅުމުގައި މައްސަލަތަކެއް ޖެހި ދެ މީހުން ވަރިފަށަށް އެރި ކަމަށް ބުނެ ދެކެވުނު ވާހަކަތަކާ ގުޅިގެން ނޭހާގެ ފޭނުންނަށް ވަރަށް ބޮޑު މާޔޫސްކަމެއް ވެސް ލިބުނެ އެވެ.

އެހެންވެ ސޯޝަލް މީޑިއާގައި އެކި ކަހަލަ ޝުއޫރުތައް ގިނަ އަދަދެއްގެ ފޭނުން ބަންޑުންކޮށްފައިވެ އެވެ. ގިނަ ބަޔަކު ބުނެފައި ވަނީ ނޭހާ އާއި ރޯހަން ވަކިވާ ތަން ދެކެން ބޭނުން ނުވާ ކަމަށާއި އަބަދު ވެސް އެދެނީ ނޭހާ އަށް އުފާ ކަމަށެވެ.

ކޮންމެއަކަސް ނޭހާ އާއި ރޯހަން ގުޅުމާ ބެހޭ ގޮތުން އުފެދުނު ނުތަނަވަސްކަމަށް ނޭހާ މިއަދު ވަނީ ތަސައްލީ އަށް ގެނެސްދީފަ އެވެ. އޭނަ ސޯޝަލް މީޑިއާގައި ޕޯސްޓްކުރި ފޮޓޯތަކަކުން ޔަގީންކޮށް ދިނީ ކައިވެނީގެ ގުޅުމުގައި އެއްވެސް މައްސަލައް ނެތްކަމެވެ. ރޯހަންއާ އެކީ ނަފާފައިވާ ވަރަށް އުފާވެރި ފޮޓޯއަކާ ނޭހާ ބުނީ ފިރިމީހާއާ އެކީ ވަރަށް ހިތްގައިމު ޗުއްޓީއަކަށް ފަހު އެނބުރި މުމްބާއީ އަށް އަތުވެއްޖެން ކަމަށެވެ.

މި ޕޯސްޓާ އެކީ ވަރަށް ގިނަ ފޭނުންނަށް އުފާވެރިކަން ލިބި މީޑިއާގައި ފެތުރުނު ވާހަކަތަކުގައި ހަގީގަތެއް ނެތްކަން މިހާރު ޔަގީންވެއްޖެ ކަމަށް ބުނެފައިވެ އެވެ.

މިހާރު އިންޑިއާގެ އެންމެ ކާމިޔާބު އަންހެން ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ނޭހާ އާއި އަރަމުން އަންނަ ލަވަކިޔުންތެރިޔާ ރޯހަން ކައިވެނިކުރީ 2020 ގަ އެވެ. ރޯހަންއާ ކައިވެނި ކުރުމުގެ ކުރިން ނޭހާ 2014 ގެ ފިލްމު "ޔާރިޔާން" ގެ އެކްޓަރު ހިމާންޝޫ ކޯލީއާ ވެސް ރައްޓެހިވި އެވެ.