ބޮލީވުޑްގެ ތަރި ސަނީ ޑިއޯލްގެ ދޮށީ ދަރިފުޅު ކަރަން ޑިއޯލް އަންނަ އާދީއްތަ ދުވަހު ކައިވެނިކުރާނެ އެވެ. ކަރަން އާއި ޑްރިޝާ އަޗާރިއާގެ ކައިވެންޏާ ގުޅުން އެކިއެކި ކަންކަން ކުރިއަށްދާތާ މިހާރު ތިން ވަރަކަށް ދުވަސް ވެދާނެ އެވެ.
މުޅި ޑިއޯލް އާއިލާ އަށް މިއީ ބޮޑު އީދެއް ކަހަލަ ދުވަސްކޮޅެކެވެ. ކަރަން އާދީއްތަ ދުވަހު ރަސްމީކޮށް ކައިވެނީގެ ގޮށްޖަހާ އިރު، ހަފުލާތަކުގެ ތެރެއިން ވަރަށް ހާއްސަ ފޮޓޯއެއް ވެސް މި ވަނީ އާންމުކޮށްފަ އެވެ. އެއީ ދެ ދަރިންނާ އެކީ ސަނީ ފެންނަ ހިތްގައިމު ފޮޓޯއެކެވެ.
މި ފޮޓޯ ކަރަން އިންސްޓަގްރާމްގައި ޕޯސްޓްކުރުމުން ސަނީ ވެސް އޭނަގެ އިންސްޓްގަރާމަށް އެ ޝެއާކޮށްފައިވެ އެވެ. ސަނީގެ ދެ ކުދިންގެ ތެރެއިން ކަރަން، 32، އަކީ ސަނީ 2019 ގައި ޑައިރެކްޓްކުރި ފިލްމު "ޕަލް ޕަލް ދިލް ކޭ ޕާސް" އިން ބޮލީވުޑަށް ނެރުނު އެކްޓަރެކެވެ.
ކަރަން ކައިވެނި ކުރާ، ޑްރިޝާ އަކީ ކުރީގެ ވަރަށް މަޝްހޫރު ޑައިރެކްޓަރެއް ކަމަށްވާ ބިމާލް ރޯއިގެ މުނިކާފަ ދަރިއެކެވެ. ކަރަންގެ ކާފަ، ދަރުމެންދުރާ އަކީ ބިމާލްގެ 1963 ގެ ފިލްމު "ބަންދިނީ" ގެ ބަތަލެވެ. ޑްރިޝާ އަކީ އާއިލާއާ އެކީ ދުބާއީގައި ދިރިއުޅެމުން އަންނަ ޓްރެވެލް އެޖެންސީއެއްގެ މެނޭޖަރެކެވެ.
ދޮށީ ދަރިފުޅު ކަރަން ކައިވެނިކުރާ އިރު، ސަނީގެ ހަގު ދަރިފުޅު ރަޖްވީރު ޑިއޯލް މިހާރު އަންނަނީ ބޮލީވުޑަށް ނުކުންނަން ތައްޔާރުވަމުންނެވެ. އެއީ "މޭނޭ ޕިޔާރު ކިޔާ" ގެ ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ ދަރިފުޅު އަވްނީޝް ބަރްޖަރިއާގެ އަލަތު ފިލްމު "ދޯނޯ" އިންނެވެ. ޑެސްޓިނޭޝަން ވެޑިންއަކަށް ބިނާކޮށް ހަދާ މި ފިލްމުގައި ރަޖްވީރްއާ އެކީ ބަތަލާގެ ރޯލު ކުޅެނީ، ބައްޕަ ސަނީގެ 1986 ގެ ފިލްމު "ސަމަންދަރު" ގެ ބަތަލާ ޕޫނަމް ދިލަންގެ ދަރިފުޅު ޕަލޯމާ ތާކްރީ ދިލަން އެވެ.
ސަނީގެ ކުރިއޮތް ފިލްމަކީ އޮގަސްޓް 11 ގައި ގެނެސްދޭ "ގަދަރު 2" އެވެ.