Last Updated: July 15, 18:06
Wednesday, July 15, 2026
ކުޅިވަރު

ވޯކާ ސިޓީ ދޫކޮށްލަނީ

މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ އިންގްލެންޑްގެ ޑިފެންޑަރު ކައިލް ވޯކާ އެ ކްލަބް ދޫކޮށްލަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ވޯކާ ،33، ސިޓީ ދޫކޮށްލަން ބޭނުން ވަނީ ނިމިގެންދިޔަ ސީޒަނުގައި ސިޓީއާއެކު މެޗުތައް ކުޅުމުގެ ފުރުސަތު ލިބުނު މިންވަރު މަދުވުމުން ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެގޮތުން ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އިންޓަ މިލާންގެ މައްޗަށް 1-0 އިން ސިޓީން ކުރި ހޯދި މެޗުގެ ފުރަތަމަ އެގާރައިން ވެސް ވޯކާ އަށް ފުރުސަތު ލިބިފައެއް ނުވެ އެވެ.

ސިޓީއާއެކު ވޯކާ ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އަދި އެއް އަހަރު އޮތްއިރު ރިޕޯޓުތައް ބުނާގޮތުން އޭނާ ގެންނަން ޖަރުމަނުގެ ބަޔާން މިއުނިކުން ވަރަށް ބޮޑަށް ޝައުގުވެރިވެ އެވެ. އެގޮތުން ވޯކާ ގެނައުމުގެ މަސައްކަތް ބަޔާނުން މިހާރު ފަށާފައިވާއިރު ދެ ކްލަބުން އަދި ޓްރާންސްފާ ފީއަކާ މެދު އެއްބަސްވުމަކަށް އައިސްފައެއް ނުވެ އެވެ.

ވޯކާ ގެންނަން ބަޔާނުން މަސައްކަތް ކުރަނީ އެ ކްލަބަށް ކުޅެމުން އަންނަ ފްރާންސްގެ ފުލްބެކް ބެންޖަމިން ޕަވާޑްގެ ބަދަލުގަ އެވެ.

2017 ވަނަ އަހަރު ޓޮޓެންހަމް ދޫކޮށް ސިޓީއާ ގުޅުނު ވޯކާ ވަނީ އެ ކްލަބާއެކު ޕްރިމިއާ ލީގު ފަސް ފަހަރު، އެފްއޭ ކަޕް ދެ ފަހަރު، ލީގު ކަޕް ހަތަރު ފަހަރު އަދި ޗެމްޕިއަންސް ލީގެއް ކާމިޔާބުކޮށްފަ އެވެ.