Last Updated: June 13, 18:07
Saturday, June 13, 2026
ޚަބަރު

އެމްޑީޕީގެ ކޯލިޝަން ކުޑައެއް ނޫން، ހާސްކަމެއް ނެތް

މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނުކުންނަ އިރު، އެ ޕާޓީއާ އެކީ އޮތް ކޯލިޝަން މިހާރު ވެސް ކުޑައެއް ނޫން ކަމަށާއި އެހެންވެ ހާސްކަމެއް ވެސް ނެތް ކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ.

އޭނަ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ އެމްޑީޕީއާ އެކު ޖުމްހޫރީ ޕާޓީ (ޖޭޕީ) ނެތްތަން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައިންސް އެމްޑީއޭ) އިން ފޫބައްދައިދޭނެ ކަމަށެވެ.

"މިހާރު ޖޭޕީގެ ބަދަލުގައި ހަމަ އެވަރުގެ އަނެއް ޕާޓީ އެމްޑީއޭ އޮ އޮތީ އެމްޑީޕީއާ އެކީ ކޯލިޝަން ހަދާފައި،" މަވޯޓާ ވިދާޅުވި އެވެ. "ވީމަ މި ފަހަރު ވެސް ކޯލިޝަން ވަކި ކުޑައެއް ނޫން. ހާސްކަމެއް ނެތް."

މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމު މުހައްމަދު (ސަން ސިޔާމު) ގެ އެމްޑީއޭ އަކީ އެމްޑީޕީއާ އެކީ އަލަށް ކޯލިޝަން ހެދި ޕާޓީއެކެވެ. އަދި ކޯލިޝަން ހަދަން ނިންމީ އެ ސިޔާމު ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވި ނިންމެވުން އަނބުރާ ގެންދެވުމަށް ފަހު އެވެ.

މަވޯޓާ ވިދާޅުވީ ޖޭޕީ ނެތަސް އެމްޑީޕީ އަށް މިހާރު ވާނެ ގެއްލުމެއް ނެތް ކަމަށާއި އެ ޕާޓީން މިހާރު ސަރުކާރުން ވަކިވާން ވެސް ޖެހޭ ކަމަށެވެ. ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް މިހާރު ސަރުކާފާ އެކީ ހުންނެވުމަށް ބޭނުން ނުވާ ކަމަށް ބުނެފައިވާތީ އެކަމުގެ ރައްދުގައިި މަވޯޓާ ވިދާޅުވީ ސަރުކާރާ އެކީ ޖޭޕީ މަސައްކަތް ކުރަން ބޭނުންވާ މުވާ ނަމަ އިރުއިރުކޮލާ އެހެން ނުކިޔައި ސަރުކާރުން ވަކިވީމައި ނިމުނީ ކަމަށެވެ.

ރިޔާސީ އިންތިހާބަށް ޖޭޕީން ނުކުންނަން ނިންމައި ގާސިމު މިހާރު ވެސް ކެމްޕޭން ވެސް ފައްޓަވާފައިވާ އިރު، އެ ޕާޓީ އަދިވެސް އޮތީ 2018 ގައި އެމްޑީޕީއާ އެކީ ހެދި ކޯލިޝަން މަތީގަ އެވެ. އެގޮތުން ޖޭޕީގެ މިނިސްޓަރުންނާއި އެ ޕާޓީ އަށް ނިސްބަތްވާ އެތައް ބަޔަކު ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި މިހާރު ވެސް އެބަތިއްބެވެ.

ޖޭޕީގެ މިނިސްޓަރުންގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ އާއި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްގެ އިތުރުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ހިމެނިވަޑައިގަނެ އެވެ.

ސަރުކާރި ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން މި ފަހަރު ކޯލިޝަން އާކުރީ އަދާލަތު ޕާޓީ އެކަންޏެވެ. ގާނޫނުގައި ބުނާ މިންވަރަށް މެމްބަރުން ހަމަނުވެހެން ދާދި ފަހުން އުވައިލަން ނިންމި އެމްއާރްއެމަށް ކޯލިޝަންގެ ދައުވަތު ދިން ނަމަވެސް ވަކި ގޮތެއް އޮތީ ނުނިންމަ އެވެ.