Last Updated: June 13, 18:07
Saturday, June 13, 2026
ޚަބަރު

އަދާލަތަކީ ހާލަތާ އެއްގޮތަށް މަސައްކަތް ކުރާ ޕާޓީއެއް

ރާއްޖެ އަށް އިސްލާހީ ބަދަލުތަކެއް ގެންނަން ކުރެވޭ މަސައްކަތުގައި އަދާލަތު ޕާޓީ އަކީ އަަބަދު ވެސް މުހިއްމު ބައިވެރިއެއް ކަމަށާއި އެ ޕާޓީން އަބަދު ވެސް މަސައްކަތް ކުރަނީ އިސްލާޖީ މަސައްކަތަށް މަގުފަހިވާ ގޮތަށް ކުރެވޭ ކަންކަމަށް މަގުކޮށުން ކަމަށް އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބަށް އަދާލަތު ތައްޔާރުވުމުގެ ގޮތުން ޕާޓީގެ އިސް މެމްބަރުންތަކަކާ އެކ ރޭ ބޭއްވި އެއެއްވުމެއްގައި ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިމްރާން ވިދާޅުވީ އަދާލަތީ އެ ޕާޓީ ދާން ބޭނުންވާ މަންޒިލާއި ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިއާ ހަމައަށް ވާސިލުވާން އެ ވަގުތަކު ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ޕާޓީއެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުން ބައްޓަން ކުރަމުން އައީ އަޅުގަނޑުމެންގެ ގޯލާއި އަމާޒާ ހަމައަށް ވާސިލުވުމަށްޓަކައި އެ ވަގުތަކު އަދާކުރެވެން އޮތް ދައުރު އެންމެ ފުޅާ އަދާކުރެވޭނެ ގޮތަކަށް އެ މަގު ކޮށުން،" އިމްރާން ވިދާޅުވި އެވެ. "މިއީ ވަރަށް މުހިއްމު ކަމެއް. އަޅުގަނޑުމެން އިސްލާހު ކިރަން މަސައްކަތެއް ކުރާ އިރު،އެ މަސައްކަތަށް މަގުފަހިވާނެ އެކަން ކުރެވޭނެ މަގު ހޯދައި ކޮށުން އެއީ އަޅުގަނޑުމެންގެ އެންމެ މުހިއްމު ކަމަކަށް އަބަދު ވެސް ހަދަން ޖެހޭ."

އޭނަ ވިދާޅުވި ގޮތުގައި އަދާޕަތުގެ އެންމެ ބޮޑު ސްޓްރެޓެޖީ އަކީ އިސްލާމީ ނިޒާމުގެ ދަށުން ރާއްޖޭގެ ވެރިކަން ކުރެވޭނެ ގޮތަށް މަސައްކަތްކުރުން ކަމަށެވެ، އަދި އެކަމުގައި ފަސް ނުޖެހޭނެ ކަމަށާއި ދީނީ ގޮތުން މިހާތަނަށް ވަރަށް ގިނަ އިސްލާހީ ބަދަލުތަކެއް ވެސް އަދާލަތުގެ މަސައްކަތުން ގެނެވިފައުވާ ކަމަށް ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ރާއްޖެ މިހާރު އަނެއްކާ ވެސް އޮތީ ރިޔާސީ އިންތިހާބަކާ ބޯމަތިވެފައި އޮތް ދަނޑިވަލެއްގެ ތެރޭގައި ކަމަށްވާތީ އަދާލަތުން ނިންމާ ކޮންމެ ނިންމުމެއް، ކުރާ ކޮންމެ ކަމެއް ކުރާނީ ވަރަށް ވިސްނުންތެރިކަމާއި ފަރުވތެރިމަމާ އެކީގައި ކަމަށެވެ.

"މި ވޭތުވެ ދިޔަ ދިގު މުއްދަތުގެ ތެރޭގައި ކުރި މަސައްކަތުގައި ވަރަށް ބޮޑެތި އަޑިގުޑަންތައް ގިރާކޮށްފިން. ދަތި އުނދަގޫ މަރުހަލާތައް ވެސް ގިރާކޮށްފިން،" އޭނަ ވިދާޅުވި އެވެ. "އެހެން ނަމަވެސް ފާހަގަކުރަން އޮތް އެންމެ މުހިއްމު ކަމަކީ ދަތި އުނދަގޫ މަރުހަލާ އަށް ފަހު، ދެން އަޅުގަނޑުމެން އަނެއްކާ ވެސް އަޅަނީ ކުރިއަށް މުހިއްމު ފިޔަވަޅެއްކަން."

އިމްރާން ވިދާޅުވީ އަދާލަތު މިހާރު އޮތް ހިސާބު ވަރަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށާއި ޕާޓީގެ 18 އަހަރުގެ ތެރޭގައި އެއް އަހަރުން އަނެއް އަހަރަށް ހޯދަމުން އައި ކުރިއެރުންތައް ވަރަށް ރީތިކޮށް ފެންނަން ވެސް އެބައޮތް ކަމަށެވެ.