Last Updated: July 25, 18:05
Saturday, July 25, 2026
މުނިފޫހިފިލުވުން

އާޝާ "ތޫފާނީ އިޝްގު" ގެ ތެރޭގައި

ރާއްޖޭގެ އަރަމުން އަންނަ ޒުވާން ބަތަލާ އައިމިނަތު ރަޝްފާ (އާޝާ) ގެ ވަރުގަދަ ވީޑިއޯ ލަވައެއް ބެލުންތެރިންނަށް ދޫކޮށްލައިފި އެވެ.

"ތޫފާނީ އިޝްގު" ގެ ނަމުގައި ގެނެސްދިން މި ލަވަ އަކީ ވަރަށް ބޮލީވުޑް ސްޓައިލަށް ގެނެސްދީފައި އޮތް އެއްޗެކެވެ. އެގޮތުން ލަވައިގެ މިއުޒިކާއި ސެޓިން އާއި ކޮސްޓިއުމާއި ނެށުމުގައި ވެސް ބޮލީވުޑްގެ ނުފޫޒު ގަދަ އެވެ.

"ތޫފާނީ އިޝްގު" ކިޔާފައި ވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އެވެ. ލަވައިގެ މިއުޒިކް ބާޗީ ހެދި އިރު، ލަވައިގެ ޅެމާއި މެލޮޑީ ހެދީ އަޝްފާގެ ފިރިމީހާ މަޝްހޫރު މިއުޒިޝަން މުހައްމަދު އަބްދުލް ޢަނީ (ތޭރަވާ) އެވެ. "ތޫފާނީ އިޝްގު" އަޑު އަހައިލުމުން މި ލަވައިގެ މިއުޒިކް ބޮޑަށް ވައްތަރީ ބޮލީވުޑްގެ ލަވަތަކެއްގެ މިއުޒިކް މަސްހުނިކޮށްލައިގެން "މާ ނޫން ގޮތަކަށް ކޮޕީކޮށްފައި" އޮތް ލަވައަކާ އެވެ.

އާޝާއާ އެކީ ގިނަ ބެކް ޑާންސަރުންތަކެއް ވެސް ފެނިގެންދާ "ތޫފާނީ އިޝްގު" ޑައިރެކްޓްކޮށްފައި ވަނީ ފެޝަން ޑިޒައިނަރު/މޭކަޕް އާޓިސްޓް/އެކްޓަރު ސޭންޑީ އެވެ.

މީގެ ކުރިން ވެސް ބައް ވީޑިއޯ ލަވަތަކުން ފެނިފައިވާ އާޝާގެ އެންމެ ފަހުގެ ފިލްމަކީ ޑާކް ރެއިން އެންޓަޓައިންމަންޓުން މާޗްގައި ޑިޖިޓަލްކޮށް ޕްރީމިއާކުރި "ހިނދުކޮޅެއް" އެވެ. އަދި މި އަހަރުގެ ފެބްރުއަރީގައި އެ ސްޓޫޑިއޯ އިން ގެނެސްދިން "ބީވީމާ" ގައި ވެސް އޭނަ މުހިއްމު ރޯލެއް ކުޅުނެވެ.

ޑާކް ރެއިންގެ 2019 ގެ "ގޮށްރާޅުން" ފިލްމީ ދާއިރާ އަށް ނުކުތް އުންމީދީ ބަތަލާގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި "ބަޅިނދު" އާއި "މީ އިޝްގު" ހިމެނެ އެވެ.