Last Updated: July 20, 18:10
Monday, July 20, 2026
ދުނިޔެ

ބިލް ގޭޓްސް ޗައިނާގައި

އެމެރިކާގެ މަޝްހޫރު މަހުޖަނު ބިލް ގޭޓްސް ޗައިނާ އަށް ވަޑައިގެންފި އެވެ.

މައިކްސޮފްޓް ކުންފުނީގެ ކުރީފެ ޗެއާމަން ޗައިނާ އަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އިއްޔެ ވަނީ ރައީސް ޝީ ޖިންޕިން އާ ވެސް ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ޝީ ވަނީ ޗައިނާ އާއި އެމެރިކާއާ ދެމެދު ނުތަނަވަސްކަން އުފެދިފައިވާ ގިނަ މައްސަލަތަކަށް ހައްލުތަކެއް ހޯދައި ދޭން އެހީތެރިވެވައުގަތުމަށް ގޭޓްސްގެ ކިބައިން އެދިވަޑައިގެންފަ އެވެ.

އެމެރިކާ އަކީ އަބަދު ވެސް ތަފާތު އެކި ކަހަލަ ތުހުމަތުތައް ޗައިނާގެ ބޮލުގައި އަޅުވައި، ޗައިނާގެ ނުފޫޒާ މެދު ކަންބޮޑުވެ، ހަސަދަވެރިވާ ގައުމެކެވެ. ޗައިނާ އަކީ ދެވަނަ އަށް ދުނިޔޭގެ އެންމެ ބޮޑު އިގުތިސާދެވެ.

ގޭޓްސް ޗައިނާ އަށް ވަޑައިގެންފައި ވަނީ އޭނަގެ ފައުންޑޭޝަނުން ޗައިނާގެ ރިސާޗް މަސައްކަތްތަކަކަށް 50 މިލިއަން ޑޮލަރު ދޭން އިއުލާންކޮށްފައި ވަނިކޮށެވެ. އެއީ މެލޭރިއާ އާއި ޓީބީ ފަދަ ބަލިތަކަށް ބޭހެއް ހޯދަން ޗައިނާ އިން ކުރިއަށް ގެންދާ ރިސާޗް މަސައްކަތްތަކަށެވެ.

ގޭޓްސް ޗައިނާ އަށް ވަޑައިގެންނެވި އިރު މިދިޔަ މަހު ޓެސްލާގެ ވެރިޔާ އަދި ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އީލޮން މަސްކް ވެސް ޗައިނާ އަށް ވަޑައިގެންނެވި އެވެ.