އަދާލަތަކީ އެއްގޮތަކަށް ވެސް އާދައިގެ ސިޔާސީ ޕާޓީއެއް ނޫން ކަމަށް އެ ޕާޓީގެ ރައީސް އިމްރާން އަބުދުﷲ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީއާ އެކީ ކޯލިޝަން އާކޮށްފައިވާ ޕާޓީން، މި އަހަރުގެ ރިޔާސީ އިންތިހާބުގެ ތައްޔާރީތަކާ ގުޅޭ ގޮތުން ޕާޓީގެ ބައެއް މެމްބަރުންނާ އެކީ ރޭ ބެއްވި އެއްވުމެއްގައި ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިމްރާން ވިދާޅުވީ އަދާލަތަކީ އާދައިގެ ޕާޓީއެއް ނޫންކަން ޕާޓީގެ މެމްބަރުންގެ ވިސްނުމުގައި ވެސް ބަހައްޓަން ޖެހޭ ކަމަށެވެ.
އޭނަ ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަކީ ޕާޓީގެ ދުވެލި އިތުރަށް ބާރުކުރަން ފުރުސަތު ވެސް ލިބިގެން ދާނެ ވަގުތެއް ކަމަށެވެ. އަދި އެންމެން އެކީގައި މަސައްކަތްކޮށްގެން އިންތިހާބު ކާމިޔާބުކޮށް، ކުރިއަށް އޮތް ފަސް އަހަރު ވެސް އިސްލާހީ މަސައްކަތްތައް ކުރަން އެތައް ފުރުސަތެއް ލިބޭނެ ކަމަށް ވިދާޅުވި އެވެ.
"މި ޕާޓީ އަކީ އާދައިގެ ސިޔާސީ ޕާޓީއެއް ނޫން، ނުވަތަ އާންމު ސިޔާސީ ޕާޓީއެެއް ނޫން،" އިމްރާން ވިދާޅުވި އެވެ. "އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމް ދީނުގެ ނިޒާމު އޭގެ މައްޗަށް އަޅުގަނޑުމެންގެ އަމިއްލަ ނަފުސާއި އަމިއްލަ އާއިލާ އާއި އަމިއްލަ މުޖުތަމައި އަދި އަމިއްލަ ގައުމު އިސްލާހުކޮށްގެން ނުވަތަ ހާނުވައިގެން ވެރިކަމުގެ ނިޒާމެއް އުފެއްދުމަށް މަސައްކަތް ކުރާ ޕާޓީއެއް."
އޭނަ ވިދާޅުވީ އަދާލަތަކީ ގިނަ އަދަދެއްގެ އިލްމުވެރިން ވެސް ހިމެނޭ ޕާޓީއެެއް ކަމަށާއި އެ ޕާޓީގެ އެންމެ ވަރުގަދަ ސިފަ އަކީ ވެސް އެއީ ކަމަށް ވިދާޅުވި އެވެ. އެގޮތުން ފާއިތުވި 18 އަހަރުގެ ތެރޭގައި ރާއްޖެ އަށް އިސްލާމީ ހެޔޮ ބަދަލުތަކެއް އަދާލަތުގެ ވަރަށް ބޮޑު ހިއްސާއަކާ އެކީ ގެނެވިފައިވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި އުޅެނީ ރާއްޖެ އިސްލާމީ އުސޫލުތަކާއި ހަމަތަކުގެ މަތިން ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމެއް ރާއްޖޭގައި އުފައްދަން. އަޅުގަނޑުމެންގެ ސްޓްރެޓެޖިކް ޕްލޭންގައި ކަނޑައަޅާފައި ވާނެ އެކަން ކުރަން ކުރަހާފަވާ މަގު ވަރަށް ސާފުކޮށް،" އިމްރާން ވިދާޅުވި އެވެ. "އެ މަގާ ހަމައަށް ދަތުރުކުރެވެނީ، މިއަދުއްސުރެ ފެށިގެން އެ މަގުން ދަތުރުކުރުމުގެ އަޅަން ޖެހޭ ފިޔަވަޅުތައް ސާބިތުކަމާއި ހަމަކަމާއެކު އަޅައިގެން ކުރިއަށް ގެންގޮސްގެން."