Last Updated: June 7, 10:44
Sunday, June 7, 2026
ޚަބަރު

މަންމައަށް މަރުގެ އިންޒާރުދިން މީހަކު 2 މަހަށް ޖަލަށް

އައްޑޫ ސިޓީ ހިތަދޫ | ފޮޓޯ: އަލީ އިބްރާހިމް

މަންމައަށް މަރުގެ އިންޒާރުދިން މީހަކު 2 މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.

އައްޑުއަތޮޅު މީދޫ މެޖިސްޓްރޭޓް ކޯޓުން ބެލި މިމައްސަަލައިގައި ދައުވާ އުފުލާފައިވަނީ އަފްސަން ލަތީފް ކިޔާ މީހަކަށެވެ. އޭނާގެ މައްޗަށް ކުރީ އެވަގުތު އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ދައުވާއެވެ.

އޭނާގެ މައްޗަށް ކުރި ދައުވާގައި ބުނެފައިވަނީ 27 އޮކްޓޫބަރު 2022 ވަނަ ދުވަހުގެ ރޭ އަފްސަން ލަތީފް އޭނާ ދިރިއުޅޭ ގޭގައި ހުރެ، އޭނާގެ މަންމައާ ދިމާލަށް އިންޒާރުދިނުމުގެ ގޮތުން އެވަގުތު އަނިޔާއެއް ދީފާނެކަމުގެ ބިރު ދައްކާފައިވާ ކަމަށެވެ.

އޭނާ ވަނީ ކޯޓުގައި މި ދައުވާއަށް އިންކާރުކޮށްފައެވެ. އެހެންކަމުން އޭނާގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ތިން ހެކިންގެ ހެކިބަސް ވަނީ ނަގާފައެވެ.

އެގޮތުން ދައުވާ ރައްދުވާ އަފްސަން ލަތީފްގެ މަންމަ ކޯޓުގައި ހެކިބަސްދެމުން ބުނެފައިވަނީ އިންޒާރު ދިން ދުވަހު އޭނާގެ ދަރިފުޅުކައިރީ މަސްތުވާތަކެތި ބޭނުންކޮށްގެން ނުވާނެ ކަމަށް ބުނެފައިވާކަމަށެވެ. އަދި އެގޮތަށް ބުނުމުން ކާން ހުރި ހުރިހާ އެއްޗެއް މޭޒު މައްޗަށް ޖަހާފައި، މަސްތުވާތަކެތި ބޭނުންނުކުރާކަމަށް ބުނެ "ތިމަންނަ ހިތަށް އަރައޭ މީނާ މަރާލާނަމޭ، މީނަ މަރާލާފައޭ ތިމަންނަ ޖަލުގައި އިށީންނާނީ" މިފަދައިން ބުނެފައިވާ ކަމަށެވެ.

މަންމަ ހެކިބަސް ދެމުން ބުނެފައިވަނީ އަފްސަން ލަތީފް އަބަދުވެސް މިބާވަތުގެ އެއްޗެހި ކިޔައި ބިރު ދައްކާ ކަމަށާއި އަބަދުވެސް ހުންނަންޖެހެނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ.

ދެން މި މައްސަލައިގައި ހެކިބަސް ދީފައިވަނީ އެ އަންހެން މީހާގެ ދަރިއަކާއި މާމަ ދަރިއެކެވެ.

މި މައްސަލައިގައި ޖޫން 14 ވަނަ ދުވަހު އައްޑުއަތޮޅު މީދޫ މެޖިސްޓްރޭޓް ކޯޓުން އިއްވި ހުކުމުގައި ބުނެފައިވަނީ ދައުލަތުން ކުރި އެވަގުތު އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ދައުވާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާކަމަށެވެ. އެހެންކަމުން އަފްސަން ލަތީފްގެ މައްޗަށް 2 މަހާއި 3 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމެއް ވަނީ އިއްވާފައެވެ.