Last Updated: July 25, 18:05
Saturday, July 25, 2026
މުނިފޫހިފިލުވުން

ކައިވެނީގެ ވަގުތެއް އަދި ނާދޭ: ކަންގަނާ

ކައިވެނިކޮށް، ދަރިން ވެސް ހޯދަން ބޭނުންވާ ކަމަށާއި އެކަމަކު އަދި އެ ވަގުތު ނާންނަ ކަމަށް އިންޑިއާގެ ބަތަލާ ކަންގަނާ ރަނާވަތު ބުނެފި އެވެ.

އޭޝިއަން ނިއުސް އިންޓަނޭޝަނަލް (އަނީ) އަށް ދިން އިންޓަވިއުއްގައި 36 އަހަރުގެ ބަތަލާ ބުނީ ވަގުތު ޖެހުނު އިރަކުން ކައިވެނި ކުރާނެ ކަމަށެވެ.

"ކޮންމެ ކަމަކަށް ވެސް ވަގުތެއް އަންނާނެ. އަހަރެން ގަބޫލުކުރަނީ އަހަރެން ކައިވެނިކުރާ ވަގުތު އަދި ނާންނަނީ ކަމަށް،" ކާމިޔާބު ބަތަލާ ބުންޏެވެ. "އެކަމަކު ކައިވެނިކޮށް ދަރިން ހޯދައި އާއިލާއެއް ބިނާކުރުމަކީ އަހަރެން ބޭނުންވާ ކަމެއް."

މީގެ ކުރިން ދީފައިވާ ބައެއް އިންޓަވިއުތަކުގައި ވަރަށް އަވަހަށް ކައިވެނިކުރާނެކަމުގެ އިޝާރާތްތަކެއް ވެސް ކަންގަނާ ދީފައިވެ އެވެ. ނަމަވެސް މި ފަހަރު ކައިވެނީގެ ވާހަކަ ދެއްކި އިރު، އޭނަގެ ހަޔާތުގައި އެއްވެސް ބައިވެރިޔަކު ހުރި ކަމެއް ނުވަތަ ނެތް ކަމަށް ސާފުކޮށް ދީފައެއް ނުވެ އެވެ.

ކަންގަނާ ކުރިން ރައްޓެހިވި މީހުންގެ ތެރޭގައި އޭނަ އަށް ވުރެ އެތައް އަހަރެއް ދޮށި އެކްޓަރު އަދިތިޔާ ޕަންޗޯލީ އާއި 2009 ގެ ފިލްމު "ރާޒް: ދަ މިސްޓްރީ ކޮންޓިނިއުސް" ގެ ބަތަލު އަދިޔަމަން ސުމަން ހިމެނެ އެވެ. އަދި ރިތިކް ރޯޝަނާ ރައްޓެހިވި ކަމަށް ވެސް ކަންގަނާ ދައުވާކުރެ އެވެ. އެކަމަކު އެކަން ރިތިކް ދޮގުކުރެ އެވެ.

ކަންގަނާ ކުރިން އިނގިރޭސިވިލާތުގެ ޑޮކްޓަރަކާ ރައްޓެހިވިކަމުގެ އަޑުތަކެއް ވެސް އެރި އެވެ.

ހަތަރު ނެޝަނަލް އެވޯޑް ހޯދާފައިވާ ބަތަލާގެ ކުރިއަށް އޮތް ފިލްމަކީ އޮކްޓޯބަރަށް ތާވަލުކޮށްފައި އޮތް "އިމަޖެންސީ" އެވެ. އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ރޯލު ކަންގަނާ ކުޅެފައިވާ މި ފިލްމަކީ އޭނަ ޕްރޮޑިއުސްކޮށް، ޑައިރެކްޓް ވެސް ކުރި އެއްޗެކެވެ.