ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މި ސަރުކާރުން ކުރަނީ ސިޔާސީ ގޮތުން ވަކިފަރާތަކަށް ޖެހިފައިވާ ދައުވާތަކެއް ކަމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް ފޭސްބުކްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޔާމީނަށް ކުރަމުންދާ ދައުވާތަކަކީ ސިޔާސީ ގޮތުން ކުރާ ވަކިފަރާތަކަށް ޖެހިފައިވާ ސެލެކްޓިވް ޕްރޮސެކިއުޝަން ކަމަށެވެ.
ޖަމީލް ވިދާޅުވީ އެކަން ދަލީލުކުރަނީ ރައީސް ސޯލިހްގެ "އެކުވެރިން މައްޗަށް" ކުރެވޭ ޖިނާއީ އެއްވެސް ތުހުމަތެއް ނުބެލުން ކަމަށާއި ނުވަތަ ދައުވާކޮށްފައިވެސް "ޑީލް ހަދާ" އަނބުރާ ގެނައުމުން ކަމަށވެ.
"މެމްބަރު ފަލާހުގެ ފިރިހެންދަރި، ޖީހާނުގެ ފިރިމީހާ، މިހެންގޮސް އެތައް ބައެއް." ޖަމީލް ވިދާޅުވިއެވެ.
ޖަމީލް މި ޕޯސްޓް ހިއްސާކުރައްވާފައިވަނީ ރައީސް ޔާމީނާ ބައްދަލުކުރެއްވުމަށް ވަކީލުން މާފުއްޓަށް ވަަޑައިގަންނަވާކަމަށް ވިދާޅުވެ ވަކީލުންގެ ފޮޓޮއެއް ހިއްސާކުރައްވައެވެ.
ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމް އެމަނިކުފާނު ތަންފީޒު ކުރައްވަމުން އަންނައިރު އެ ޖަލުހުކުމްގެ އިސްތިއުނާފު އަޑުއެހުން މިހާރު އަންނަނީ ހައިކޯޓުގައި ހިނގަމުންނެވެ. މީގެއިތުރުންވެސް އެމަނިކުފާނަށް ކޮށްފައިވާ އިތުރު ދައުވާތަކެއްގެ ޝަރީއަތް މިިހާރުވެސް އަންނަނީ ކްރިމިނަލް ކޯޓުގައި ހިނގަމުންނެވެ.
9 ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި އިންތިހާބުގައި ރައީސް ޔާމީން ވާދަކުރައްވާއިރު އެމަނިކުފާނަށް ކެމްޕޭން ކުރުމުގެ ފުރުސަތު ނުލިބޭތީ އެކަމުގެ ކަންބޮޑުވުން އިދިކޮޅުން އަންނަނީ ފާޅުކުރަމުންނެވެ.