ބޮލީވުޑްގެ ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރް ހިންދީ ސިނަމާއަށް ކޮށްދެމުން އަންނަ ހިދުމަތްތައް ފާހަގަކޮށް އިނގިރޭސިވިލާގެ ގާނޫނު ހަދާ މަޖިލީހުން އޭނަ އަށް ހާއްސަ ޝަރަފެއް އަރުވަން ނިންމައިފި އެވެ.
މީޑިއާތަކުން ބުނި ގޮތުގައި ހައުސް އޮފް ކޮމަންސް އާއި ހައުސް އޮފް ލޯޑްސް އިން ކަރަން އަށް ހާއްސަ ޝަރަފު އެރުވުން އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ. އެ ދުވަހަކި އޭނަ ޑައިރެކްޓްކުރި 7 ވަނަ ފިލްމު އަދި އަންނަ މަހުގެ 28 ގައި ރިލީޒްކިރަން ހަމަޖެހިވާ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ޓީޒާ ވެސް ލޯންޗްކުރަން ހަމަޖެހިފައިވާ ދުވަހެވެ.
އިނގިރޭސި ޕާލިމަޓުން ކަރަން އަށް ހާއްސަ ޝަރަފެއް ދޭން ނިންމި އިރު، އޭނަ ބައެއް ފިލްމުތައް އިނގިރޭސިވިލާތުގައި ޝޫޓްކޮށްފައިވެ އެވެ. އޭގެ ތެރޭގައި އަލަށް ޑައިރެކްޓްކުރި 1998 ގެ "ކުޗް ކުޗް ހޯތާ ހޭ" އާއި 2001 ގެ "ކަބީ ހުޝީ ކަބީ ޢަމް" އަދި 2016 "އޭ ދިލް ހެ މުޝްކިލް" ހިމެނެ އެވެ.
މީގެ ތެރެއިން "ކަބީ ހުޝީ ކަބީ ޢަމް" އަކީ އިނގިރޭސިވިލާތުގައި ވަރަށް މަޝްހޫރުވި އަދި އެ ގައުމުން ބޮޑު އާމްދަނީއެއް ވެސް ހޯދި ފިލްމެކެވެ.
އިނގިރޭސިވިލާތަކީ އަބަދު ވެސް ބޮލީވުޑް ފިލްމުތަކުގެ ވަރަށް ބޮޑު މާކެޓެކެވެ.
މި އަހަރު އެންމެ ބޮޑަށް އިންތިޒާރުކުރެވޭ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަކީ ރަންވީރު ސިންގް އާއި އާލިއާ ބަޓް ލީޑް ރޯލު ކުޅެފައިވާ ރޮމޭންޓިކް ކޮމެޑީއެކެވެ.
ކަރަން އަކީ ދަރުމާ ޕްރޮޑަކްޝަންގެ ނަމުގައި އަމިއްލަ ފިލްމު ސްޓޫޑިއޯއެއް ހިންގަމުން އަންނަ އަދި ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ އެކެކެވެ.