Last Updated: July 20, 18:10
Monday, July 20, 2026
ދުނިޔެ

ބައިޑެން ރިޔާސީ ކެމްޕޭން މިއަދު ފަށަނީ

އެމެރިކާގެ މިހާރުފެ ރައީސް ޖޯ ބައިޑެން ވެރިކަމުގެ ދެވަނަ ދައުރަކަށް އަންނަ އަހަރު ވާދަކުރައްވާތީ މިއަދު ރަސްމީކޮށް ކެމްޕޭން ފަށަން ނިންމައިފި އެވެ.

މިޑިއާތަކުން ބުނީ ކެމްޕޭން ފަށައިގަންނަން ހަމަޖެހިފައި ވަނީ ފިލަޑެލްފިއާގައި ބާއްވާ އެއްވަމުން ކަމަށާއި އެއީ އަމިއްލަ ގޮތުން ވެސް ބައިޑެން އަށް ވަރަށް ހާއްސަ ސިޓީއެއް ކަމަށެވެ.

ރައީސްގެ މަގާމަށް 2021 ގައި ވަޑައިގެންނެވުމުގެ ކުރިން ބައިޑެން އަކީ އެމެރިކާގެ ނައިބު ރައީސްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ބައިޑެން ވެރިކަމުގެ ދެވަނަ ދައުރަކަށް ވާދަކުރައްވަން ނިންމެވިކަން މިދިޔަ އަހަރު އިއުލާން ކުރެއްވި ނަމަވެސް ޑިމޮކްރެޓިކް ޕާޓީގެ ތެރެއިން އަދި މިހާތަނަށް އިތުރު އެއްވެސް ވާދަވެރި ކަމެއް ނެތެވެ. އެހެންވެ އެ ޕާޓީގެ ކެންޑިޑޭޓަކީ ސީދާ ބައިޑެން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

އެމެރިކާގެ ރައީސް ކަމަށް ބައިޑެން ވަޑައިގެންނެވީ 2020 ގެ ނޮވެމްބަރުގައި ބޭއްވި އިންތިހާބުގައި ވެރިކަމުގެ ދެވަނަ ދައުރަކަށް ވާދަކުރެއްވި ޑޮނަލްޑް ޓްރަމްޕް ބަލިކުރެއްވުމަށް ފަހު އެވެ.

ރިޕަބްލިކަން ޕާޓީގެ ފަރާތުން ޓްރަމްޕް އަނެއްކާ ވެސް ވާދަކުރައްވާނެކަން އޮތީ އިއުލާންކުރައްވައިފަ އެވެ. އަދި އެ ޕާޓީން އިންތިހާބަށް ނުކުންނަވަން ނިންމެވި ބޭފުޅުންގެ ތެރޭގައި ޓްރަމްޕްގެ ނައިބު ރައީސް މައިކް ޕެންސް އާއި ފްލޮރިޑާގެ ކުރީގެ ގަވަރުނަރު ރޮން ޑިސެންޓިސް އާއި ސައުތު ކެރޮލައިނާގެ ކުރީގެ ގަވަރުނަރު ނިކީ ހޭލީ އާއި ވިޔަފާރިވެރިއެއް ކަމަށްވާ ވިވެކް ރަމަސްވާމީ ހިމެނިވަޑައިގަންނަވަ އެވެ.