Last Updated: June 7, 17:32
Sunday, June 7, 2026
ޚަބަރު

ޕީއެސްއައިޕީ ބަޖެޓުގެ 60 ޕަސެންޓް ރަރަދުކޮށްފި

ފަރެސްމާތޮޑާ އެއާޕޯޓްގެ މަސައްކަތް ބާރަށް ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ

މިއަހަރު މިހާތަނަށް ދައުލަތުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމްތަކަށް ކަނޑައެޅި ބަޖެޓުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑުބައި ޙަރަދު ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކުވެސް އާންމުކުރާ ދައުލަތުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުގައި މިއަހަރުގެ ބަޖެޓުގެ ތެރެއިން ޕީއެސްއައިޕީ މަޝްރޫޢުތަކަށް ކަނޑައަޅާފައިވާ ވަނީ 8.5 ބިލިއަން ރުފިޔާ އެވެ. ސަރުކާރުން ހިންގާ ތަރައްޤީގެ އެކި މަޝްރޫޢުތަކަށް މިއަދަދު ކަނޑައަޅާފައިވާއިރު މިމަހުގެ 8 ވަނަ ދުވަހާއި ހަަމައަށް އައިއިރު ބަޖެޓުން 5 ބިލިއަން ރުފިޔާ ވަނީ ބޭނުންކޮށްފައެވެ. މިއާއެކު މިއަހަރަށް ކަނޑައެޅި ބަޖެޓުގެ 58 އިންސައްތަ ވަނީ ޚަރަދުކޮށްފައެވެ.

ޕީއެސްއައިޕީ މަޝްރުޢޫ ހިންގުމަށް 12 ދާއިރާއެއް ކަނޑައެޅިފައިވާއިރު، އޭގެ ތެރެއިން ދެ ދާއިރާއަކުން ވަނީ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ މިހާތަނަށް ޙަރަދުކޮށްފައެވެ.

ފިނޭންސް މިނިސްޓްރީ / ފޮޓޯ: އަވަސް

ދަތުރުފަތުރުގެ ނިޒާމަށް ޕީއެސްއައިޕީގެ ތެރެއިން މިއަހަރު 2.4 ބިލިއަން ރުފިޔާ ޚަރަދު ކުރަން ވަނީ ކަނޑައެޅާފައެވެ. މީގެ ތެރޭގައި ބަނދަރު ހެދުމާއި، ބްރިޖާއި އެއާޕޯޓާއި އަދި ދަތުރުފަތުރުގެ ނިޒާމުގެ އިތުރުން ޕޯޓުތައް ތަރައްޤީ ކުރުން ހިމެނެއެވެ. އަހަރުގެ މިހާތަނަށް މިދައިރާއަށް 1.6 ބިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ދެވަނައަށް އެންމެ ބޮޑު ޙަރަދެއް ކޮށްފައިވަނީ ބިން ހިއްކުމާއި މަގު ހެދުމުގެ ދާއިރާއިންނެވެ. އެގޮތުން މިއަހަރު ސަރުކާރުގެ ޙަރަދުގައި މަގު ހެދުމާއި ބިން ހިއްކުމަށް 1.4 ބިލިއަން ރުފިޔާ ޙަރަދުކުރުމަށް ބަޖެޓުގައިވަނީ ހިމެނިފައެވެ. މީގެ ތެރެއިން މިމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް 1.2 ބިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކައެވެ.

ސަރުކާރުގެ ގިނަ މަޝްރޫޢުތަކެއް ޙަރަދުގައި ހިންގާ ގިނަ މަޝްރޫޢުތަކެއް މިހާރުވެސް ކުރިއަށްދާއިރު، ރައްޔިތުންނަށް ބޭނުންވާ އަސާސީ ހުރިހާ ޚިދުމަތެއް ކުދި ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި ޤާއިމް ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ސަރުކާރުން ބުނެއެވެ.