Last Updated: July 25, 18:05
Saturday, July 25, 2026
މުނިފޫހިފިލުވުން

ޕްރަބާސް އާއި ސަންޖޭ އަށް "ރޯޔަލް"

ޕްރަބާސް އާއި ސަންޖޭ ދަތު މިހާރު ހޮރޯ-ކޮމެޑީއެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ތެލެގޫ ޑައިރެކްޓަރު މަރޫތީ ހަދާ މި ފިލްމުގެ ނަމަކީ "ރޯޔަލް" ކަމަށާއި މީގެ 50 ޕަސެންޓް ޝޫޓިން ވެސް ނިމިފައިވާ ކަމަށެވެ. މިއީ 50 ކްރޯޑް ރުޕީސް (6.1 މިިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާ އެއްޗެކެވެ.

މީޑިއާތަކުން ބުނީ "ރޯޔަލް" ގެ ޝޫޓިންގެ 50 ޕަސެންޓް ނިމި، ފިލްމުގެ ބާކީ މަސައްކަތް މި ވަގުތަށް މަޑުޖެހިފައި އޮތީ މިދޮޔަ ހުކުރު ދުވަހު ރިލީޒްކުރި ޕްރަބާސްގެ "އާދިޕުރުޝް" ގެ މަސައްކަތްތަކުގައި އޭނަ ބިޒީވެގެންނެވެ.

ނަމަވެސް މިހާރު އެ ފިލްމު ރިލީޒްކޮށްފައިވާތީ ދެން ވަރަށް އަވަހަށް އަނެއްކާ ވެސް "ރޯޔަލް" ގެ ޝޫޓިން ފަށާނެ ކަމަށް ބުނެ އެވެ. އެކަމަކު މި ފިލްމާ ބެހޭ އެއްވެސް ތަފުސީލެއް ޑައިރެކްޓަރާއި ތަރިން ވެސް ނުދެ އެވެ.

"ބާހްބަލީ" ކުޅެގެން މަޝްހޫރުވި ޕްރަބާސްގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި "ސަލާރު" އާއި "ޕްރޮޖެކްޓް ކޭ" އަދި "ސްޕިރިޓް" ހިމެނެ އެވެ.