ބޮލީވުޑްގެ ތަރި ޝާހްރުކް ޚާންގެ އެންމެ ފަހުގެ ފިލްމު "ޕަތާން" މިރޭ ސްޓާ ގޯލްޑުން ޕްރީމިއާކުރަން ތައްޔާރުވެއްޖެ އެވެ.
މި ފިލްމު އެ ޗެނެލުން ގެނެސްދޭން ނިންމިކަން އިއުލާންކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން ސްޓާ ގޯލްޑް އިން "ޕަތާން" ވަރަށް ބޮޑަށް ޕްރޮމޯޓްކޮށްފައިވެ އެވެ. އަދި މި ރޭ ރާއްޖެ ގަޑިން 7:30 ގައި ފިލްމު ޕްރީމިއާކުރާނެކަން ހަނދާންކޮށް ދޭން ޝާހްރުކްގެ ސޯޝަލް މީޑިއާ ޕޯސްޓްތަކުގައި ވެސް އެ ވާހަކަ މިއަދު ހިއްސާކޮށްފައިވެ އެވެ.
ޖެނުއަރީ 25 ގައި ރިލީޒްކުރި "ޕަތާން" އަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އަށް ސިދާތު އާނަންދު ޑައިރެކްޓްކުރި އެކްޝަން ތުރިލާއެކެވެ. މީގެ ކާސްޓްގައި ދީޕިކާ ޕަދްކޯނާއި ޖޯން އަބްރަހަމް ވެސް ހިމެނެ އެވެ.
ޖުމްލަ 28 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "ޕަތާން" އަކީ ބޮކްސް އޮފީހުގައި 130 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައިވާ އެއްޗެކެވެ. މި ފިލްމު މާޗް މަހު ވަނީ އެމެޒޯން ޕްރައިމް ވީޑިއޯ އަށް ވެސް ދޫކޮށްފަ އެވެ.