Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

އަންހެން ފަނޑިޔާރުން އިތުރު އެބަ އިތުރު ކުރެވޭ

މި ސަރުކާރު އައި ފަހުން ރާއްޖޭގައި އަންހެން ފަނޑިޔާރުން އިތުރުވަމުން އަންނަ ކަމަށް އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ) ވިދާޅުވެއްޖެ އެވެ.

އަންހެން ފަނޑިޔާރުން އިތުރުވަމު އަންނަކަން ދައްކުވައިދޭ ތަފާސްހިސާބަކާ އެކީ އޭނަ ކުރެއްވި ޓްވީޓެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު 2018 ގައި ވެރިކަމަށް ވަޑައިގެންނެވި އިރު، ރާއްޖޭގެ ކޯޓްތަކުގައި ތިއްބެވީ އެންމެ 10 އަންހެން ފަނޑިޔާރުން ކަމަށެވެ. އެކަމަކު އޭގެ ފަހުން އެ އަދަދު މިހާރު 26 އަށް އިތުރުވެފައިވާ ކަމަށް ވެސް ރޮޒޭ ވިދާޅުވި އެވެ.

"ޖުޑިޝަލް ދާއިރާގައި އަންހެނުންނަށް އޮތް ފުރުސަތުތައް އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް އެބަ ކުރެވޭ." އޭނަ ވިދާޅުވި އެވެ.

ރޮޒޭ ވިދާޅުވި ގޮތުގައި މި ސަރުކާރުން އަންހެނުންނަށް ވަރަށްް ބޮޑު އިސްކަމެއް ދެމުން އަންނަ އިރު، އަންހެން ފަނޑިޔާރު އިތުރުވަމުން ދިއުމާ އެކީ އެކި މައްސަލަތަކުގައި ކޯޓްތަކަށް ހާޒިރުވުމުގައި އަންހެނުންނަށް ދިމާވާ ދަތިތަކަށް ވެސް ވަނީ ހައްލުތަމެއް ހޯދައި ދީފަ އެވެ.

އެގޮތުން އެ މީހަކު ހުރި ރަށަކުން ޝަރީއަތްތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު އޮތީ ތަނަވަސްކޮށް ދީފައި ކަމަށް ވިދާޅުވި އެވެ.

"ކޯޓަށް ހާޒިރުވާން ރަށް ދޫކޮށް ފުރައިގެން ދާން ޖެހުމަކީ، ހާއްސަކޮށް އަންހެނުންނަށް، ވަރަށް ދަތިކަމެއް. މިއަދު އެތަކުލީފާއި ބުރަ އުފުލާކަށް [ވެސް] ނުޖެހޭ." ރޮޒޭ ވިދާޅުވި އެވެ.