Last Updated: July 20, 18:10
Monday, July 20, 2026
ދުނިޔެ

ބޮރިސް ޖޯންސަނަށް އާ ވަޒީފާއެއް

މިދިޔަ ހަފުތާގައި ގާނޫނު ހަދާ މަޖީލިހުން އިސްތިއުފާ ދެއްވި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އާ ވަޒީފާއެއް އަދާކުރައްވަން ފައްޓަވައިފި އެވެ.

އޭނަގެ އާ ވަޒީފާ އަކީ މިހާރު މަޝްހޫރު ނޫސް ޑެއިލީ މެއިލްގެ ކޮލަމިސްޓެއްގެ ވަޒީފާ އެވެ. އެހެންވެ ދެން ކުރިއަށް އޮތް ތަނުގައި ގައުމުގެ އެކި ކަންކަމާ މެދު ހިޔާލު ފާޅުކުރައްވައި ޖޯންސަން ކިޔުންތެރިންނަށް އިލްމީ ކޮލަމްތަކެއް ގެނެސްދެއްވާނެ އެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމަށް 2019 ގައި ވަޑައިންގެންނެވުމުގެ ކުރިން ވެސް ޖޯންސަން ކޮލަމިސްޓެއްގެ ދައުރު އަދާކުރެއްވި އެވެ. އޭރު އޭނަ ލިޔުއްވަމުން ގެންދެވީ ދަ ޑެއިލީ ޓެލެފްރާފަށެވެ. އަދި އަހަރަކު 250،000 ޕައުންޑަށް ވުރެ ބޮޑު އަގެއް ލިބިވަޑައިގަތެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ގާނޫނު ހަދާ މަޖިލީހުން ޖޯންސަން އިސްތިއުފާ ދެއްވައި ކޮލަމްތައް ލިޔުއްވަން ފެއްޓެވުން ވާނީ މިހާރުގެ ބޮޑުވަޒީރު ރިޝީ ސުނާކަށް ސިޔާސީ ގޮތުން ކުރިމަތިވެވަޑައިގަންނަވާނެ ވަރަށް ބޮޑު ބޮލުގެ ރިހުމަކަށެވެ. އެއީ ކޮލަމްތަކުގައި ސަރުކާރުގެ ސިޔާސަތުކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާނެ ކަމަށް ބެލެވޭތީ އެވެ.

ކުރިން ފޮރިން ސެކްރެޓަރީގެ މަގާމާއި ލަންޑަންގެ މޭޔަރުކަން ފަދަ ނުފޫޒު ގަދަ މަގާމުތަކެއް ވެސް ފުރުއްވި ޖޯންސަން، 58، ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ކުރީކޮޅު އެވެ. އޭނަ މަގާމުގައި ހުންނެވި އިރު، އިތުބާރު ނެތްކަމުގެ ވޯޓެއް ވެސް ނެގި އެވެ. އަދި އެ ވޯޓުން ސަލާމަތްވެވަޑައިގަތެވެ.