Last Updated: June 13, 18:07
Saturday, June 13, 2026
ޚަބަރު

ބޭނުން ވަނީ ލަވަކިޔާ ރައީސެއް ނޫން: ޒައިދު

ދިވެހިން ބޭނުން ވަނީ ލަވަކިޔާ ނުވަތަ ޑައިވްކުރާ ރައީސެއް ނޫން ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ޝެއިހް އަލީ ޒައިދު ފާޑު ވިދާޅުވެއްޖެ އެވެ.

ނަޝީދު ކިޔުއްވާފައިވާ ލަވައެއް އިއްޔެ ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިން ބޭނުން ވަނީ އިހުލާސްތެރި އަދި އިސްލާމީ ނިޒާމުގެ ތެރެއިން ގައުމު ހިންގެވޭ ފެންވަރުގެ ގާބިލުކަން ހުންނެވި ރައީސެއް ކަމަށެވެ.

"އަހަރެމެން ބޭނުމެއް ނޫން ލަވަ ކިޔުއްވާ ނުވަތަ ޑައިވްކުރައްވާ ރައީސެއް." އަމިއްލަ އަޑުން ކިޔުއްވާފައިވާ މަދަހަތަކެއް ވެސް ހިމެނޭ އަލްމަބަމެއް "ކައިވެނި" ގެ ނަމުގައި ފެބްރުއަރީ މަހު ނެރުއްވި ޝެއިހް ވިދާޅުވި އެވެ.

ނަޝީދުގެ އަޑުން ރެކޯޑްކޮށް އާންމުމުރި "ލޯބީގެ ހާދިސާ" ލަވަ އިއްޔެ ހަސަން ކުރުސީގެ ޓްވިޓާ އެކައުންޓްގައި އާންމު ކުރުމުން އެކަމާ ގުޅޭ ގޮތުން ވަރަށް ގިނަ ބަޔަކު އެކި ކަހަލަ ކޮމެންޓްތައްކޮށްފައިވެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވާދަކުރައްވައި ބަލިވެވަޑައިގަތުމުން ނަޝީދު ވަނީ އެމްޑީޕީއާ ދެކޮޅަށް ނުކުމެވަޑައިގެން މިހާރު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ވެސް ފައްޓަވައިފަ އެވެ. އެގޮތުން "ދަ ޑިމޮކްރެޓްސް" ކިޔާ ޕާޓީ އޮތީ ރަޖިސްޓްރީކުރަން ހުށަހަޅައިފަ އެވެ.

އެ ޕާޓީން މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.