އިންޑިއާގެ ބަތަލާ އާލިއާ ބަޓްގެ ފުރަތަމަ ހޮލީވުޑް ފިލްމު "ހާޓް އޮފް ސްޓޯން" ގެ ޓްރެއިލާ ދައްކާލައި، އޮގަސްޓް މަހުގެ 11 ގައި އެ ފިލްމު ޕްރީމިއާކުރާނެކަން އިއުލާންކޮށްފި އެވެ.
މިކަން އިއުލާންކޮށްފައި ވަނީ އަހަރުގެ ބާކީ އޮތް މުއްދަތުގެ ތެރޭގައި ނެޓްފްލިކްސް އަށް އަންނަން ހުރި ބައެއް އުފެއްދުންތައް ދައްކައިލަން ބްޒެޒިލްގައި ބޭއްވި ކުލަގަދަ "ޓުޑުމް" އިވެންޓްގަ އެވެ. އެ އިވެންޓްގައި "ހާޓް އޮފް ސްޓޯން" ގެ ޓީމް ބައިވެރިވި އެވެ. އޭގެ ތެރޭގައި އާލިއާ އާއި ފިލްމުގެ މައިގަނޑު ދެ ތަރިން ކަމަށްވާ ގަލް ގެޑޯ އާއި ޖެމީ ޑޯނަން ހިމެނެ އެވެ.
މި ފިލްމަކީ ޓޮމް ހާޕާ ޑައިރެކްޓްކޮށްފައިވާ ސްޕައި އެކްޝަން ތުރިލާއެކެވެ. "ހާޓް އޮފް ސްޓޯން" ގައި އާލިއާ ފެންނާނީ ކޭޔާ ދަވަން ކިޔާ ކެރެކްޓާއަކުންނެވެ.
މި ފިލްމުގެ ކުރިން އާލިއާގެ ކުރިއަށް އޮތް ބޮލީވުޑް ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަންނަ މަހުގެ 28 ގައި ސިނަމާތަކަށް އަންނާނެ އެވެ. ރަންވީރު ސިންގް ބަތަލުގެ ރޯލު ކުޅެފައިވާ، ޑައިރެކްޓަރު ކަރަން ޖޯހަރްގެ މި ފިލްމުގެ ޓީޒާ އަންނަ އަންގާރަ ދުވަހު އާންމުކުރާނެ އެވެ.