Last Updated: July 25, 18:05
Saturday, July 25, 2026
މުނިފޫހިފިލުވުން

"ދި އާޗީސް" ބެލުންތެރިން ގެންދާނީ ފަސްދޮޅަހަށް

ވަރަށް ޒުވާން ފަންނާނުންތަކަކާ އެކީ ބޮލީވުޑްގެ ޑައިރެކްޓަރު ޒޯޔާ އަޚްތަރު ހަދާފައިިވާ ފިލްމު "ދި އާޗީސް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އޭގެ ޓްރެއިލާ ދައްކައިލީ ނެޓްފްލިކްސް އިން މި އަހަރު ގެނެސްދޭން ހުރި އުފެއްދުންތަކެއް ދައްކައިލަން ބްރެޒިލްގައި ބޭއްވި ކުލަގަދަ "ޓުޑުމް" އިވެންޓްގަ އެވެ.

"ދި އާޗީސް" އަކީ ޝާހްރުކް ޚާންގެ ދަރިފުޅު ސުހާނާ ޚާނާއި އަމީތާބް ބައްޗަންގެ ކާފަދަރު، އަގަސްޓިއާ ނަންދާގެ އިތުރުން ކުރީގެ ބަތަލާ ސްރީދޭވީގެ ހަގު ދަރިފުޅު ހުޝީ ކަޕޫރް އެކްޓިން އަށް ރަސްމީކޮށް ނުކުތް ފިލްމެވެ. މީގެ އިތުރުން ވަރަށް ޒުވާން ބޮޑު ކާސްޓަކާ އެކީ މި ފިލްމު ބެލުންތެރިން 1960 ގެ ތެރެއަށް ގެންގޮސްދޭނެ އެވެ.

"ދި އާޗީސް" އަކީ ހުޅަނގުގެ ކޮމިކް ވާހަކަ އާޗީ އަށް ބިނާކޮށް ހަދާފައިވާ އެއްޗެކެވެ. ފިލްމުގެ ޓްރެއިލާ ދައްކައިލި ނަމަވެސް އަދިވެސް ބެލުންތެރިންނަށް އެ ގެނެސްދޭނެ އިރެއް އިއުލާނެއް ނުކުރެ އެވެ.

ޒޯޔާ އަކީ "ގަލީ ބޯއި" އާއި "ޒިންދަގީ ނާ މިލޭގީ ދުބާރާ" އަދި "ދިލް ދަޅަކް ނޭ ދޯ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.