ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އިދިކޮޅު ފަރާތްތަކުން ބައްދަލުކުރަން ކުރި މަސައްކަތް މިއަދުވެސް ކާމިޔާބު ނުވިކަމަށް އެ ފަރާތްތަކުން ހާމަކޮށްފިއެވެ.
މިދިޔަ ހަފްތާގައިވެސް އިދިކޮޅު ފަރާތްތަކުން ވަނީ ރައީސް ސޯލިހާ ބައްދަލުކުރެއްވުމަށް ރައީސް އޮފީހަށް ގޮސްފައެވެ. އެހެންނަމަވެސް މިދިޔަ ހަފްތާގައި ވެސް އިދިކޮޅު ފަރާތްތަކަށް ރައީސް ސޯލިހާ ބައްދަލުކުރެވިފައެއް ނުވެއެވެ.
މިއަދު އިދިކޮޅު ލީޑާޝިޕްގެ ފަރާތްތަކުން ރައީސް ސޯލިހާ ބައްދަލުކުރެއްވުމަށް ރައީސް އޮފީހަށް ވަޑައިގެންނެވިނަމަވެސް ރައީސް ސޯލިހް އޮފީހަށް ވަޑައިނުގަންނަވާތީ ބައްދަލުނުކުރެވުނު ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ.
"މިއަދު އަޅުގަނޑުމެނަށް މި އަޑުއިވުނީ ކުޑަކޮށް ރޯގާޖެހިގެން އުޅުއްވާތީ އޮފީހަކަށް ވަޑައެއް ނުގަންނަވައޭ." ރައީސް އޮފީހުން ނިކުމެވަޑައިގެން މީޑިއާއަށް މައުލޫމާތު ދެއްވަމުން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައީސް ސޯލިހާ ބައްދަލުކުރުމަށް ރައީސް އޮފީހަށް އަންނަނީ ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުން އެކަންކަން ހިއްސާކުރުމަށް ކަމަށާއި އެހެންނަމަވެސް މިއަދުވެސް ބައްދަލުނުކުރެއްވި ކަމަށާއި މިއީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އަދި ރަސްމީ ޕްރޮޓޮކޯލްއިން ރައީސް ސޯލިހަށް އިދިކޮޅުގެ ސިޓީ ލިބިވަޑައިނުގަންނަވާ ކަމަށް ރައީސް އޮފީހުން ބުނާތީ މިއަދު ރައީސް އޮފީހުގައި ތިބެގެން ސިޓީ ލިޔެ ހަވާލުކުރި ކަމަށްވެސް ވިދާޅުވިއެވެ.
ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް އަވަސްއަރުވާލައިގެން ކުރިއަށްގެންދާތީއާއި މަޖިލިސް ހުއްޓިފައިވާ މައްސަލައިގައި އިދިކޮޅުން ރައިސް ސޯލިހާ ބައްދަލުކުރުމަށް މަސައްކަތްކުރަމުން އަންނައިރު އިދިކޮޅުގެ ކަންބޮޑުވުންތައް ހުރި އެހެން މައްސަލަތަކުގައި އެހެން އިދާރާތަކާ ބައްދަލުކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.