ސުޕްރީމް ކޯޓުން ކުރި ހުކުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑި ގެއްލި، އެކަމުގައި ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ ބެލޭނެ މައްސަލައެއް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.
ނާޒިމްގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވީ މަކަރާއި ހީލަތުގެ މައްސަލައެއް ސާބިތުވުމުންނެވެ. އެހެންނަމަވެސް އެ ނިންމުން މުރާޖާ ކޮށްދިނުމަށް ސުޕްރީމް ކޯޓުގައި 2018 ވަަނަ އަހަރު އެދުމުން ސުޕްރީމް ކޯޓުން ވަނީ ނާޒިމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާ ނިންމާފައިވާ ނިންމުން ބާތިލުކޮށްފައެވެ.
ސުޕްރީމް ކޯޓުން ނާޒިމް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމް ފަހުން ބާތިލުކުރުމުން، ޤާނޫނާ ހިލާފަށް ނާޒިމްގެ މައްޗަށް ޖަލު އަދަބެއް ކަނޑައެޅުމުގެ ސަބަބުން، ނާޒިމްގެ އަސާސީ ހައްޤުތަކާއި މިނިވަންކަން ގެއްލިފައިވާތީ، ގެއްލުމުގެ ބަދަލުގެ ގޮތުގައި، ނާޒިމަށް ގެއްލިފައިވާ މަޖިލީހުގެ މެންބަރެއްގެ މުސާރައާއި އިނާޔަތްތަކަކީ ދައުލަތުން ދޭންޖެހޭ ފައިސާކަމުގައި ކަނޑައަޅައި ދިނުމަށާއި، ނާޒިމަށް ލިބިފައިވާ އެހެން ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރުމުގެ ހައްޤު އޮތްކަމަށް ކަނޑައަޅައި ދިނުމަށް އެދި ސިވިލް ކޯޓުގައި ދައުވާކުރިއެވެ. އެހެންނަމަވެސް ސިވިލް ކޯޓުން ނިންމާފައިވަނީ އެ މައްސަލަ ބެލުމުގެ އިހްތިސާސް ސިވިލް ކޯޓަށް ލިބިގެންނުވާ ކަމަށެވެ.
ސިވިލް ކޯޓުގެ ނިންމުން ނާޒިމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން އެ މައްސަލަ ނިންމާފައިވަނީ ނާޒިމާ ދެކޮޅަށެވެ. އެގޮތުން ސިވިލް ކޯޓުން ރަޖިސްޓްރާގެ ނިންމުން އަލުން ބަލައި ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ސިވިލް ކޯޓުން ނިންމިއެެވެ.
އެހެންކަމުން ނާޒިމްގެ ފަރާތުން މިމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށް ތިން ނުކުތާއެއް ފާހަގަކޮށްފައިވެއެވެ. އެ މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
ސުޕްރީމް ކޯޓުން ނިންމީ މިމައްސަލައިގައި ސިވިލް ކޯޓުގެ ރަޖިސްޓްރާގެ ނިންމުމާއި އެ ނިންމުމަށް ތާއީދުކޮށް ސިވިލް ކޯޓުން ނިންމާފައިވާ ނިންމުމާއި އެ ދެނިންމުމަށް ތާއީދުކޮށް ހައިކޯޓުން ނިންމާފައިވާ ގަޟިއްޔާއަކީ ޤާނޫނީ އުސޫލުތަކާ ހިލާފަށް ނިންމާފައިވާ ނިންމުންތަކެއް ކަމަށެވެ. އެހެންކަމުން އެ ނިންމުންތައް ވަނީ ބާތިލުކޮށްފައެވެ. އަދި މިމައްސަލަ ސުޕްރީމް ކޯޓުން ނިންމާ ތާރީހުންފެށިގެން 14 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ހުށަހަޅައިފިނަމަ، މިމައްސަލައަކީ އެ ކޯޓުން ބަލައިގަނެ ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއް ކަމުގައި ސުޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
މިމައްސަލަ ސުޕްރީމް ކޯޓުންބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. އަދި ދެން ތިއްބެވީ ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު މުހައްމަދު އިބްރާހިމެވެ.