Last Updated: July 24, 10:38
Friday, July 24, 2026
ވިޔަފާރި

އަކްޝޭއާ ޓްވިންކަލް ކައިވެނިކުރި ސަބަބުތަކެއް

އަކްޝޭ ކުމާރާ ކައިވެނިކުރި މުހިއްމު އެއް ސަބަބަކީ އޭނަ އަކީ ދަރިންނަށް ވަރަށް ރަނގަޅު ބައްޕައަކަށް ވާނެ ކަމަށް ގަބޫލުކުރެވުން ކަމަށް އަންހެނުން ޓްވިންކަލް ކަންނާ ބުނެފި އެވެ.

މިއަދު ފާހަގަކުރާ ފާދާސް ޑޭއާ ގުޅިގެން އަކްޝޭ އެކަމުގެ ތަހުނިޔާ ކިޔަން އިންސްޓަގްރާމްގައި ދެމަފިރިން އެކީގައި ނަގާފައިވާ ފޮޓޯއަކާ އެކީ ޓްވިންކަލް ބުނީ ދަރިންނަށް ވަރަށް ރަނގަޅު ބައްޕައަކަށް އަކްޝޭ ވާނެކަން އެނގުނީ އޭނަގެ އަމިއްލަ އާއިލާއާ މެދު ކަންތައް ކުރާ ގޮތް ފެނުމުން ކަމަށެވެ.

"އަދި އަކްޝޭއާ ކައިވެނިކުރި ސަބަބުތަކުގެ ތެރޭގައި އޭނަގެ ކިބައިގައި ހުރި ރަނގަޅު ކަންކަން ދަރިންނަށް ވާރުތަކުރާނެ ކަމަށް ވެސް އަހަރެން ގަބޫލު ކުރުން ހިމެނޭ،" ޓްވިންކަލް ބުންޏެވެ. "މިއަދު އޭނަ ފަންސާހުގެ އަހަރުތައް ގުނަމުން އަންނަ އިރު އަހަރެން ބުނާނީ އޭނަގެ ކިބައިގައި ހުރި ރަނގަޅު ޖީންތަކުގެ ދެބައިކައިކުޅަ އެއްބައި ދަރިންނަށް ވާރުވެފައިވުމަކީ އެ ދަރިންގެ ނަސީބޭ."

މިހާރު އުމުރުން 55 އަހަރުގެ އަކްޝޭ އާއ ޓްވިންކަލް ކައިވެނިކުރީ 2001 ގަ އެވެ. އެ ދެ މީހުންގެ ދަރިންނަކީ އާރަވް ބާޓިއާ، 21، އާއި ނިތާރާ ކަންނާ ބާޓިއާ، 11، އެވެ.

އަކްޝޭއާ ކައިވެނިކޮށް ޓްވިންކަލް ވަނީ ފިލްމު ކުޅުން ހުއްޓާލައިފަ އެވެ. އޭނަގެ މައިންބަފައިންނަކީ މަޝްހޫރު ފިލްމީ ތަރިންނެވެ. އެއީ ކުރީގެ އެކްޓަރު ރާޖޭޝް ކަންނާ އާއި މިހާރު ވެސް ފިލްމީ މަސައްކަތްކުރާ ޑިމްޕަލް ކަޕާޑިއާ އެވެ.

ފިލްމު ކުޅުން ހުއްޓައިލުމަށް ފަހު ކެރިއަރެއްގެ ގޮތުގައި ޓްވިންކަލް ހިޔާރުކުރީ އިންޓީރިއާ ޑިޒައިނިން އާއި ލިޔުންތެރިކަމެވެ. މިހާތަނަށް އޭނަ ތިން ފޮތެއް ޝާއިއުކޮށްފައިވެ އެވެ. އަދި މިދިޔަ އަހަރުން ފެށިގެން ޓްވިންކަލް އަންނަނީ އިނގިރޭސިވިލާތުގެ ގޯލްޑްސުމިތުސް ޔުނިވަސިޓީން ސްކްރީން ރައިޓިން އިން މާސްޓާސް އަށް ކިޔަވަމުންނެވެ.