އައްޑޫގައި މިފަހަރު ބާއްވާ ޢީދު ޝޯވްގައި އިންޑިއާގެ މަޝްހޫރު ފުރާވަރު ލަވަކިއުންތެރިޔާ މުހައްމަދު ފައިޒު ބައިވެރިވާނެ ކަމަށް އައްޑޫސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް އައްޑޫގެ ޢީދު ކުލަގަދަކޮށް ފާހަގަކުރަން ވަނީ ހަމަޖެހިފައެވެ. އެގޮތުން މިއަހަރުވެސް ޢީދު ޝޯވް ބާއްވަން ނިންމާފައިވާއިރު މިޝޯވްގައިވެސް ރާއްޖޭގެ މަޝްހޫރު ފަންނާނުންނާއި އައްޑޫގެ ފަންނާނުންގެ ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ. އަދި މި ޝޯވްގައި ހާއްސަ މެހެމާނެއްގެ ގޮތުގައި މިދިޔަ އަހަރު އިންޑިއާގެ ސުޕަސްޓަރ ސިންގަރ 2 ވަނަ ސީޒަން ކާމިޔާބުކޮށް އެތަށް ބައެއްގެ މެދުގައި މަޤުބޫލުކަން ހޯދާފައިވާ މުހައްމަދު ފައިޒް ބައިވެރިވާނެ ކަން އައްޑޫސިޓީ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.
މިފަހަރުގެ ޢީދުގެ ހަރަކާތްތައްވެސް ކައުންސިލުން އިންތިޒާމުކޮށްފައިވަނީ އަވަށްތަކުގައި އެކި ހަރަކާތްތައް ކުރިއަށް ގެންދާ ގޮތަށެވެ. އެގޮތުން ޢީދު ނަމާދު ބޮޑު ޖަމާޢަތް 3 ސަރަހައްދެއްގައި ކުރާ ގޮތަށް މިވަގުތު ހަމަޖެހިފައިވާއިރު ކޮންމެ އަވަށެއްގައިވެސް އުޟްހިޔާ ކަތިލާނެއެވެ. އަދި ކުޅިވަރު ހަރަކާތްތައް އެކި އަވަށްތަކުގައި ކުރިއަށް ދާނެއެވެ.
މިއަހަރު ޢީދު ހަރަކާތްތަކަށް އައްޑޫސިޓީ ކައުންސިލުން ތައްޔާރުވަމުންދާއިރު މިއަހަރުވެސް މިދިޔަ އަހަރަށް ފޯރިގަދަކޮށް ހަރަކާތްތައް އިންތިޒާމު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
އުމުރުން 15 އަހަރުގެ ލަވަކިއުންތެރިޔާ ފައިޒް އައްޑޫ ޢީދު ޝޯވްއަށް އަންނަ އިރު، މިދިޔަ އަހަރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ، އުއްޗުގެ އުފަންދުވަހުގެ ހަރަކާތްތަކުގައިވެސް ބައިވެރިވުމަށް އޭނާ ވަނީ ރާއްޖެ އައިސްފައެވެ.
އަރަމުން މި ފަންނާނަކީ ހާއްސަކޮށް ލޯބީގެ ލަވަތައް ކިޔަން ވަރަށް ކުޅަދާނަ ކުއްޖެކެވެ. އެގޮތުން "ސުޕަސްޓާ ސިންގާ 2" ގައި ވެސް ފައިޒް އެންމެ ބޮޑަށް ފާހަގަކުރެވެނީ ލޯބީގެ ލަވަތައް ކިޔަން ވަރަށް ކުޅަދާނަ ލަވަކިޔުންތެރިއެއްގެ ގޮތުގަ އެވެ. ސޮނީގެ ޝޯގެ އިތުރުން ރާޖަސްތާނުގެ ޖޯދުޕޫރަށް އުފަން ފައިޒަކީ 2019 ގައި ޒީޓީވީގެ "ސާރޭގާމާ ލިލް ޗޭމްޕްސް" އާއި 2018 ގައި "ލަވް މީ އިންޑިއާ ކިޑްސް" ގައި ވެސް ވާދަކޮށްފައިވާ ފަންނާނެކެވެ.