Last Updated: June 7, 17:32
Sunday, June 7, 2026
ޚަބަރު

ވޯލްޑް ބޭންކުން ރާއްޖެ އަށް ބިލިއަނެއްހާ ރުފިޔާ އެހީ

ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީ ވުމަށާއި، މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީ ކުރަން ވޯލްޑް ބޭންކުގެ ފަރާތުން 1 ބިލިއަން ރުފިޔާގެ އެހީއެއް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ވޯލްޑް ބޭންކާއި ރާއްޖެއާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު ފިނޭންސް މިނިސްޓްރީގައި މިކަމަށްޓަކައި ބޭއްވި ރަސްމީއްޔާތުގައެވެ. މި ރަސްމީއްޔާތުގައި ރާއްޖޭގެ ފަރާތުން ސޮއިކޮށްފއިވަނީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުއެވެ. ވޯލްޑް ބޭންކުގެ ފަރާތުން ސޮއިކޮށްފައިވަނީ ވޯލްޑް ބޭންކުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ފާރިސް އެޗް. ހަދާދް ޒެރްވޮސް އެވެ. ރަސްމީއްޔާތުގައި ފިޝަރީޒް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ބައިވެރިވެވަޑައިގެންނެވިއެވެ. މި އެއްބަސްވުންތަކުގެ ދަށުން 67.8 މިލިއަން ޑޮލަރު ނުވަތަ 1 ބިލިއަން ރުފިޔާގެ އެހީ ފޯރުކޮށްދޭނެއެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ތެރެއިން މަސްވެރިކަމުގެ ސިނާޢަތުގެ ތަރައްޤީއަށް 52.8 މިލިއަން ޑޮލަރު ޚަރަދު ކުރުމަށް ވަނީ ކަނޑައެޅިފައެވެ. މި މަޝްރޫއުގެ އަމާޒަކީ މުޅި ދެކުނު ހުޅަނގު އިންޑިއާ ކަނޑުގެ ސަރަހައްދުގެ މަސްވެރިކަން ބެލެހެއްޓުން ހަރުދަނާކުރުމެވެ. މިގޮތުން ލިބެން ހުރި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މައުލޫމާތު އެއްކުރުމާއި ދިރާސާތައް ހަދައި އެ މައުލޫމާތު ހިއްސާކުރުމުގެ ތެރެއިން ސަރަހައްދީ ގުޅުން ބަދަހިކުރުމާއި މަސްވެރިކަމުގެ ސިނާއަތް ބަލަހައްޓައި ރައްކާތެރިކުރުމުގައި ގައުމުތަކުގެ ގާބިލިއްޔަތުކަން އިތުރުކުރުން ހިމެނެއެވެ.


މީގެ އިތުރުން މަސްވެރިކަމުގެ ސިނާއަތް، ސިންދަފާތު ކުރުމަށް ދެމެހެއްޓެނިވި އަދި އެންމެންގެ ބައިވެރިވުން އޮންނަ އުސޫލުތައް ކުރިއެރުވުމާއި، ވިޔަފާރީގެ ވާދަވެރިކަމަށް ހުރި ހުރަސްތައް ނައްތާލުމުގެ އިތުރުން މަސްވެރިކަމުގެ ސިނާއަތް ބެލެހެއްޓުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ބާރުއެޅުމަށް ހާއްސަ ސަމާލުކަމެއް ދީގެން މަދުވެގެން 40،000 މީހުން ތަމްރީނުކުރަންވެސް މަޝްރޫޢު ތެރޭގައި ހިމެނެއެވެ.

މީގެ އިތުުރުން މިއަދު ސޮއިކުރެވުނު ދެވަނަ އެއްބަސްވުމުގެ ދަށުން މިލިއަން ޑޮލަރު ކަނޑައަޅާފައިވާ މޯލްޑިވްސް ކޮމްޕެޓިޓިވްނެސް އެންޑް ގްރޯތު ޕްރޮޖެކްޓް (އެމްސީޖީޕީ) އަށެވެ. މި މަޝްރޫޢުގެ އަމާޒަކީ ރާއްޖޭގެ އިގްތިސާދުގައި އަމިއްލަ ފަރާތްތަކުގެ ދައުރު ފުޅާކޮށް، ހޮވާލެވޭ ސަރުކާރު ހިއްސާވާ ކުންފުނިތަކެއްގެ ހިންގުން ހަރުދަނާކުރުމެވެ.

މި މަޝްރޫއުގެ ޒަރީއާއިން، ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ވިޔަފާރި ލޯނުތައް ހޯދުމުގައި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 40،000 ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކް ލުއި ފަސޭހަގޮތްތަކެއް ހަމަޖެއްސުމާއި ހޮވާލެވޭ އީޖާދީ އަދި ގާބިލު ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކުރުމުގެ ލުއިފަސޭހަތައް ފޯރުކޯށްދީ، އާ މާކެޓްތަކުގައި ވާދަކުރުމަށް އާ އަދި މޫސުމާ ރައްޓެހި އުފެއްދުންތައް އުފެއްދުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.


އެއްބަސްވުންތަކާއި ގުޅޭގޮތުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، އިގްތިސާދު ސިންދަފާތު ކުރުމަށްޓަކައި ފުޅާ ދާއިރާގެ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ވޯލްޑް ބެންކުން ދިން އެހީގެ ދަށުން ހިންގާ ދެ މަޝްރޫއުގެ ސަބަބުން، ވިޔަފާރިތަކަށް އިތުރު ފުރުސަތުތައް ތަނަވަސްވެ، މަސްވެރިކަމުގެ ސިނާއަތް ހަރުދަނާވެ، ދިގު މުއްދަތަކަށް މާލީ އަދި އިގްތިސާދީ ހަމަޖެހުން ކަށަވަރުކުރެވޭނެކަމަށް އަމީރު ވިދާޅުވިއެވެ.