އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން ދަ ޑިމޮކްރެޓް ރެޖިސްޓަރ ކުރުމުގެ ހުއްދަ ނުދިނުމަށް އެލެކްޝަން ކޮމިޝަނުން ނިންމާފައިވާ ކަމަށް އެކޮމިޝަނުން ހާމަކޮށްފިއެވެ.
އެ ކޮމިޝަނުން މިގޮތަށް އަންގާފައިވަނީ ޑިިމޮކްރެޓްސް އުފެއްދުމުގެ ކަންކަން އަވަސްކޮށް ހުއްދަ ހޯދުމަށް އެ ޕާޓީ އުފެއްދުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން މިއަދު އެލެކްޝަންސް ކޮމިޝަނަށް ގޮސްފައި ވަނިކޮށެވެ. އެގޮތުން ހުއްދަ ހޯދައިގެން ނޫނީ ނުދާން އެ ފަރާތްތަކުން ވަނީ ނިންމާފައެވެ. ނަމަވެސް މި ރޭ ކޮމިޝަނުގައި އެ ފަރާތްތަކާއި ބައްދަލު ކުރައްވާ އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދް ތައުފީޤް ވަނީ ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމަށް ކޮމިޝަނުން ބޭއްވި ބައްދަލުވުމުން ނިންމާފައިވާ ކަން ހާމަކޮށްފައެވެ.
އެގޮތުން މި ބައްދަލުވުމުގައި 4 މެންބަރުން ބައިވެރިވިއިރު 2 ދެ މެންބަރުން އުފައްދަން ހުއްދަ ދޭން ވޯޓު ދިން ނަމަވެސް، ދެ މެންބަރުން އެކަމާއި ދެކޮޅަށް ވޯޓު ދީފައިވާ ކަން ފުއާދު ވަނީ ފާހަގަކޮށްފައެވެ. އަދި ކަންކަން ނިންމަން އޮންނަނީ އަޤުލަބީއްޔަތުން ކަމަށްވުމުން ހުއްދަ ދެވެން ނެތް ކަމަށް ނިންމާފައިވާ ކަމަށް ފުއާދު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ޑިމޮކްރެޓްސް އުފައްދަވަން މަސައްކަތް ކުރައްވާ ބޭފުޅުން ވަނީ ދެކޮޅަށް ވޯޓު ދެއްވި މެންބަރުން އެގޮތަށް ނިންމެވީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ. ފުއާދު ވިދާޅުވީ، އެ ފަރާތްތަކުން އެގޮތަށް ނިންމާފައިވަނީ އިތުރަށް ބަލަން ޖެހޭ ކަންކަން ތިބި ކަމަށް ބުނެ ކަމަށެވެ. އަދި ޤާނޫނުގައި ބުނާ 3 މަސް ދުވަހުގެ މުއްދަތު އެކަމަށް ހޭދަ ކުރުމަށް އެ މެންބަރުން ބޭނުންވާ ކަން ފުއާދު ފާހަގަ ކުރެއްވިއެވެ.
ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދައަށް އެދިފައިވަނީ ޤާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކުރުމަށް ފަހު ކަމަށް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ. ދަ ޑިމޮކްރެޓްސް' އުފެއްދުމުގެ މަސައްކަތް ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. ހަފްތާއެއްގެ ތެރޭގައި ޕާޓީ އުފެއްދުމަށް ބޭނުންވާ އަދަދަށް ސޮއި ހަމަކޮށް މި މަހުގެ އެއްވަނަ ދުވަހު 3560 ފޯމު އެ ޕާޓީން އީސީއަށް ހުށަހަޅާފައިވެ އެވެ.
އޭގެފަހުން އެ ޕާޓީއަށް ސޮއިކުރި ބައެއް މެންބަރުންނަށް ބިރު ދައްކާ އިންޒާރު ދޭކަމަށްބުނެ އެ ޕާޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.