Last Updated: June 7, 17:32
Sunday, June 7, 2026
ޚަބަރު

ފުއާދު ހުރީ ނުފޫޒެއްގެ ދަށުގައި ކަމަށް ތުހުމަތުކޮށްފި

ފުއާދު ތައުފީގު - ފޮޓޯ: ރައީސް އޮފީސް

ނުފޫޒެއްގެ ދަށުގައި މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތު އެލެކެޝަންސް ކޮމިޝަނުގެ ބައެއް މެންބަރުން ކުރައްވާ ކަމަށް އެކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިހެން ވިދާޅުވީ، ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ނުދޭން ނިންމާފައިވާކަން ހާމަކޮށް ޕާޓީ އުފެއްދުމުގައި ހަރަކާތްތެރިވާ މެންބަރުންނަށް މިރޭ އެންގުމަށް ކޮމިޝަނުގައި އޮތް ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފުއާދު ވަނީ ދަ ޑިމޮކްރެޓް އުފެއްދުމުގެ ހުއްދަ ދިނުމާއި ގުޅޭ ގޮތުން ކޮމިޝަނުގެ މެންބަރުންގެ މެދުގައި ބޭއްވި ބައްދަލުވުމުގައި ހުއްދަ ނުދޭން ދެ މެންބަރެއް ވޯޓު ދެއްވާފައިވާ ކަމަށް ވިދާޅުވެފައެވެ.

ބައްދަލުވުމުގައި ކޮމިޝަނުގެ 4 މެންބަރުން ބައިވެރިވެވަޑައިގެންނެވިއިރު، އޭގެ ތެރެއިން 2 މެންބަރުން ހުއްދަ މިވަގުތު ދިނުމަށް ދެކޮޅު ހެއްދެވިއެވެ. އަދި ވޯޓު އެއްވަރު ވުމުން ފާސްވި ކަމަށް ނިންމެވި ކަމަށް ފުއާދު ވިދާޅުވިއެވެ. ނަމަވެސް އެއީ އަޤުލަބީއްޔަތުން ނިންމަން ޖެހޭ ކަމެއް ކަމަށްވުމުން ފާސް ނުވި ކަން އޭނާ ވަނީ ހާމަކޮށްފައެވެ.

އަދި ކޮމިޝަންގެ ބައެއް މެންބަރުން އޭނާގެ މައްޗަށް ނުފޫޒު އޮތް ކަމުގެ ތުހުމަތު ކުރައްވާކަން އޭނާ ވަނީ އެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.

"[ހުއްދަ ނުދޭން ނިންމި] ސަބަބަކީ، އެ ބޭފުޅުން ބޭނުންފުޅުވާ ޗެކްތަކެއް ކޮތް ނުނިމޭތީ ކަމަށް ވިދާޅުވަނީ. އޭގެ އިތުރަށް އެ ބޭފުޅުން ތުހުމަތު ކުރައްވަނީ އަޅުގަނޑު މިމަސައްކަތް ކުރަނީ ނުފޫޒެއްގެ ދަށުގައި ކަމަށް. އެހެންވީމަ އެ ބޭފުޅުން ބޭނުންވަނީ އަލުން އަދިވެސް ހުރިހާ އެއްޗެހި ޗެކް ކުރަން ކަމަށް. 3 މަސް ދުވަސް ޤާނޫނުން ދޭތީވެ އޭގެ ކުރިން އެ ބޭފުޅުން ބޭނުންފުޅު ނުވާކަމަށް ނިންމީ " ފުއާދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިސްކޮށް ހުންނަވާ އުފެއްދެވުމަށް މަސައްކަތް ކުރާ ދަ ޑިމޮކްރެޓްސް އަށް ހުއްދަ މިވަގުތު ނުދޭން ނިންމާފައިވާއިރު، އެ ޕާޓީ އުފައްދަން މަސައްކަތް ކުރާ ފަރާތތަކުން ވަނީ އެއީ ސަރުކާރުން ނުފޫޒުގެ ބޭނުންކޮށްގެން ކުރުވާ ކަމެއްގެ ގޮތުގައި ތުހުމަތުކޮށްފައެވެ. އަދި ޕާޓީ އުފެއްދުމުގެ ހުއްދަ ނުދިނުމުން މަގުމަތީ ހަރަކާތަށްވެސް އެ ފަރާތްތަކުން ވަނީ ނިކުމެފައެވެ.

ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދައަށް އެދިފައިވަނީ ޤާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކުރުމަށް ފަހު ކަމަށް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ. ދަ ޑިމޮކްރެޓްސް' އުފެއްދުމުގެ މަސައްކަތް ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. ހަފްތާއެއްގެ ތެރޭގައި ޕާޓީ އުފެއްދުމަށް ބޭނުންވާ އަދަދަށް ސޮއި ހަމަކޮށް މި މަހުގެ އެއްވަނަ ދުވަހު 3560 ފޯމު އެ ޕާޓީން އީސީއަށް ހުށަހަޅާފައިވެ އެވެ.