ޕެނަލްޓީގައި ކްރޮއޭޝިއާ 4-5 އިން ބަލިކޮށް ސްޕެއިނުން ޔުއެފާ ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ރޭ ހޯދައިފި އެވެ.
މިއީ 2012 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު ސްޕެއިނުން ހޯދި ފުރަތަމަ ތަށްޓެވެ. ސްޕެއިން މިހާރު ވެގެން ގޮސްފައިވަނީ ވޯލްޑް ކަޕާއި ޔޫރޯ ފުޓްބޯޅަ މުބާރާތް އަދި ޔޫއެފާ ނޭޝަންސް ލީގު ހޯދި ދެވަނަ ޓީމަށެވެ. މި ޝަރަފު ސްޕެއިނާއެކު ހިއްސާކުރަނީ ފްރާންސުންނެވެ.
ނެދަލޭންޑްސްގައި ރޭ ކުޅުނު މުބާރާތުގެ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުން ކުރެ ޓީމަކަށް ގޯލެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.
މެޗުގެ ފުރިހަމަ ވަގުތުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު ގޯލް ޖަހާނެ ރަނގަޅު ފުރުސަތުތައް މި މެޗުގައި ލިބިފައިވަނީ ސްޕެއިނަށެވެ. އެގޮތުން މާކޯ އެސެންސިއޯ ބޮލުން ފޮނުވާލި ހަމަލާ އާއި ފަބިއަން ރުއިޒް ދުރުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ. އަދި ސްޕެއިންގެ އަންސޫ ފާޓީ ފޮނުވާލި ހަމަލާ ގޯލުގެ ރޮގުމަތިން ދިފާއުކުރީ ކްރޮއޭޝިއާގެ އިވާން ޕެރިސިޗް އެވެ.
މެޗުގެ 90 މިނެޓް ކުޅެގެން ނަތީޖާ އަށް ބަދަލެއް ނައުމުން ދެން ނަތީޖާ ނެރެން ކުޅުނީ 15 މިނެޓްގެ ދެ ހާފެވެ. އެ ދެ ހާފު ކުޅެގެން ވެސް ނަތީޖާ އަށް ބަދަލެއް އައިސްފައި ނުވާއިރު މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީންނެވެ.
ޕެނަލްޓީގައި ސްޕެއިންގެ އަޔަމެރިކް ލަޕޯޓް ފިޔަވައި އެހެން ކުޅުންތެރިން ވަނީ ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ. ކްރޮއޭޝިއާ އަށް ޕެނަލްޓީ ކާމިޔާބު ނުކުރެވުނީ ބްރޫނޯ ޕެޓްކޮވިޗް އާއި ލޮވްރޯ މަޔާ އަށެވެ. އެ ދެ ކުޅުންތެރިން ފޮނުވާލި ޕެނަލްޓީތައް މަތަކުރީ ސްޕެއިންގެ ގޯލްކީޕަރު އުނާއި ސިމޯން އެވެ.