Last Updated: May 2, 20:56
Friday, May 2, 2025
ދުނިޔެ

އިންޓެލް އިން 25 ބިލިއަން އިޒްރޭލަށް

އެމެރިކާގެ މަޝްހޫރު ޗިޕް ކުންފުނި، އިންޓެލް އިން އިޒްްރޭލުގައި 25 ބިލިއަން ޑޮލަރު އިންވެސްޓްކުރަން ނިންމައިފި އެވެ.

މިކަން އިއްޔެ އިއުލާން ކުރައްވަމުން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ ވިދާޅުވީ އިންޓެލް އިން އަލަށް އިޒްރޭލަށް ކުރާ އިންވެސްޓްމަންޓަކީ އެ ކުންފުނީގެ ބިޔަ ފެކްޓަރީއެއް ގާއިމުކުރަން ކުރާ އިންވެސްޓްމަންޓެއް ކަމަށެވެ. އަދި އިންޓެލްގެ 25 ބިލިއަން ޑޮލަރުގެ މި އިންވެސްޓްމަންޓަކީ މިހާތަނަށް ބޭރުގެ ކުންފުންޏަކުން އިޒްރޭލަށް ކުރާ އެންމެ ބޮޑު އިންވެސްޓްމަންޓް ކަމަށް ވެސް ވިދާޅުވި އެވެ.

އިޒްރޭލުގެ ފިނޭންސް މިނިސްޓްރީން ބުނީ އިންޓެލްގެ ބިޔަ އިންވެސްޓްމަންޓްގެ ދަށުން ކިިރްޔަތު ގަތުގައި ގާއިމުކުރާ ފެކްޓަރީ 2027 ގައި ހުޅުވާނެ ކަމަށާއި އޭގެ ސަބަބުން އެތައް ހާސް ވަޒީފާގެ ފުރުސަތު ވެސް ހުޅުވިގެން ދާނެ ކަމަށެވެ. މީގެ އިތުރުން އިންޓެލްގެ މި އިންވެސްޓްމަންޓްގެ ސަބަބުން އެ ކުންފުނިން އިޒްރޭލަށް ޓެކުހުގެ ގޮތުގައި ވަންނަ އާމްދަނީ 5 ޕަސެންޓުން 7.5 ޕަސެންޓަށް އިތުރުވެގެން ދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އިންޓެލްގެ އާ އިންވެސްޓްމަންޓްގެ ވާހަކަ އިޒްރޭލު ސަރުކާރުން އިއުލާންކުރި ނަމަވެސް މިކަމާ ބެހޭ ގޮތުން ރަސްމީކޮށް އެ ކުންފުނިން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

މީގެ 54 އަހަރު ކުރިން ވުޖޫދަށް އައި އިންޓެލް އަކީ ރައުސުލްމާލު 103.3 ބިލިއަން ޑޮލަރަށް އަރާ ކުންފުންޏެކެވެ. އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު 131،900 އަށް ވުރެ ގިނަ އެވެ.