Last Updated: June 7, 10:44
Sunday, June 7, 2026
ޚަބަރު

މެޖިސްޓްރޭޓް ރަފީއުއްދީނަށް ނަސޭހަތްދިނުމަށް ނިންމައިފި

މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދު--

ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދަށް ނަސޭހަތްދިނުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން ބުނެފައިވަނީ ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ޤަޟިއްޔާއެއްގެ ޝަރީއަތް ފެށިގެން ގޮސް، ދެފަރާތުން ހުލާސާ ބަޔާން ހުށަހެޅުމުން ޤަޟިއްޔާގެ ޝަރީއަތުގެ އަޑުއެހުންތައް ނިމުނީކަމާއި، ހުލާސާ ބަޔާން ނިމުނު ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ހުކުމް ކުރުމުގެ މަޖިލިސް ބާއްވާފައި ނުވާކަމަށެވެ. އަދި ހުކުމް ކޮށްފައިވަނީ ޤަޟިއްޔާގެ އަޑުއެހުންތައް ނިމުނު ތާރީޚުން ފެށިގެން ރަސްމީ ބަންދު ދުވަސް ނުހިމަނައި 107 ދުވަސް އަދި ރަސްމީ ބަންދު ދުވަސް ހިމަނައިގެން 157 ދުވަސް ފާއިތުވި ފަހުންކަން ތަޙުޤީޤަށް ހޯދުނު ލިޔެކިޔުންތަކުންނާއި މެޖިސްޓްރޭޓް ރަފީޢުއްދީން އަޙްމަދުގެ ބަހުން އެނގެން އޮންނަ ކަމަށެވެ.

އެ ޤަޟިއްޔާގެ ހުކުމް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 151 ވަނަ މާއްދާގެ (ބ)ގައި ބުނާ މުއްދަތުގެ ތެރޭގައި ކޮށްފައި ނުވަނީ މެޖިސްޓްރޭޓު ރަފީއްދީން އަހުމަދަށް ހުކުމް ކުރުމަށް އެކަށީގެންވާ ވަގުތު ލިބި، މެޖިސްޓްރޭޓްގެ އިހުމާލެއް އޮވެގެން ކަމަށް ތަހުޤީޤަށް ސާބިތުވާ ކަމަށްވެސް ޖޭއެސްސީން ބުނެފައިވެއެވެ.

އެހެންކަމުން މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދުގެ މި އަމަލަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އަދި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ކޮށްފައިވާ އަމަލަކަށްވާތީ، ނަސޭހަތްދިނުމަށް ފެންނަކަމަށް ޖޭއެސްސީގެ ޖަލްސާގައި ނިންމާފައިވާ ކަމަށެވެ.