ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތްކަމަށް ބުނެ މައްސަލައެއް މަޖިލީހަށް ހުށަހަޅައިފިއެވެ.
މިމައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފެވެ. މިމައްސަލަ މަޖިލީހަށް ބަލައިގެންފައިވަނީ 37 މެންބަރުންގެ ވޯޓުންނެވެ. އަދި މިމައްސަލަ ބަލައިގަތުމާ ދެކޮޅަށް 13 މެންބަރުން ވޯޓު ދީފައިވެއެވެ.
ޝަރީފް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ މަޖިލީހުގެ ގަވައިދު ބުނާގޮތުން ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ރިޔާސަތު މަޖިލީހުގެ ރައީސް ބަލަހައްޓަންޖެހޭއިރު ރައީސް ނަޝީދު އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން އިންކާރުކުރަމުންދާ ކަމަށެވެ.
ރައީސް ނަޝީދު ޖަލްސާގެ ރިޔާސަތާ ހަވާލުނުވެ މަޖިލީހުގެ އެހެން މަސައްކަތްތަކުގައި އަދި ކުޑަދޮށުގައި އިންނެވިކަން ފާހަގަކޮށް ޝަރީފްގެ މައްސަލައިގައި ބުނެފައިވަނީ ރައީސް ނަޝީދުގެ މިއަމަލަކީ މުޅި މަޖިލީހުގެ ހައްގަށް އަރައިގަތުން ކަމަށާއި އެކަމަކީ ޖުމްލަ ގޮތެއްގައި އިމްތިޔާޒަށް އުނިކަން އަންނަ އަމަލެއް ކަމަށެވެ.
ޝަރީފްގެ މައްސަލައިގައި ބުނެފައިވަނީ ރައީސް ނަޝީދުގެ މި އަމަލުތަކަކީ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވައިދާ ހިލާފަށް ކޮށްފައިވާ ކަންކަން ކަމަށެވެ.