Last Updated: June 7, 10:44
Sunday, June 7, 2026
ޚަބަރު

މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތީ ރައީސް ސޯލިހް

މެމްބަރު އަހުމަދު ޝިޔާމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަނެފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިމްތިޔާޒްގެ މައްސަލައިގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތްކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައަކީ މަޖިލީހުގެ ގަވައިދުގެ ދަށުން ކުރިއަށްގެންދެވޭނެ މައްސަލައެއް ނޫން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް އޮތީ ސަރުކާރުގެ ނުފޫޒުކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ އިމްތިޔާޒްގެ މައްސަލައެއް ހުށަހަޅާނަމަ ހުށަހަޅަން ޖެހޭނީ ރައީސް ސޯލިހް މަޖިލީހުގެ އިމްތިޔާޒަށް އަރައިގަންނަ މައްސަލައެއް ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅު ނުވާގޮތަކަށް އެބޭފުޅުންނަށް އަތްހިއްލާލެވޭ ކަމަކަށް މިއަދު ނުވޭ. ނުވަދިހަ ޑީގްރިއަށް އަތް ހިއްލާލިޔަސް އެބަ ސުވާލުކުރަން ގެންދޭ މުލިއާގެއަށް ނޫނީ ރައީސް އޮފީހަށް. އެއަރައިގަނެވުނީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް ރައީސުލްޖުމްހޫރިއްޔާއަށް." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މަޖިލީހުގެ ހުރިހާކަމެއް ރައީސުލްޖުމްހޫރިއްޔާ ބޭނުންވާގޮތަށް ކުރަންޖެހޭނަމަ އެ އަރައިގަނެވެނީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް ކަމަށެވެ. މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ އޮތްކަމަށް ވިދާޅުވުމަށްފަހު ރައީސް ސޯލިހް މަސައްކަތް ކުރައްވަމުން ގެންދަވަނީ މަޖިލިސް ހިސޯރުކުރުމަށް ކަމަށް ޝިޔާމް ވިދާޅުވިއެވެ.