އޮކްޓޯބަރު މަހު ރިލީޒްކުރާނެ ކަމަށް ބުނެ މިދިޔަ މަހު ފަސްޓްލުކް ޕޯސްޓަރު ވެސް ދައްކައިލި ޝާހިދު ކަޕޫރާއި ކްރިތީ ސެނަންގެ ފިލްމު މި އަހަރުގެ ޑިސެމްބަރަށް ފަސްކޮށްފި އެވެ.
ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ހަދާފައިވާ މި ލޯބީގެ ފިލްމު މިހާރު ތާވަލުކޮށްފައި ވަނީ ޑިސެމްބަރު 7 އަށެވެ. އެކަމަކު އަދިވެސް ފިލްމުގެ ނަން އިއުލާނެއް ނުކުރެ އެވެ. ޝާހިދާއި ކްރިތީގެ ޖޯޑު އެކީގައި ފުރަތަމަ ފަހަރަށް ފެންނާނެ މި ފިލްމަކީ އަމިތު ޖޯޝީ އާއި އަރާދަނާ ސާހް ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ.
މީގެ ކާސްޓްގައި ދަރުމެންދުރާ އާއި ޑިމްޕަލް ކަޕާޑިއާ ވެސް ހިމެނެ އެވެ.
ޝާހިދުގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 9 ގައި ޖިއޯ ސިނެމާ އިން ޕްރީމިއާކުރި "ބްލަޑީ ޑެޑީ" އެވެ. ކްރިތީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ހުކުރުގައި ރިލީޒްކުރި "އާދިޕުރުޝް" އެވެ.
މެޑޮކް ފިލްމްސްގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 2 ގައި ރިލީޒްކޮށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ވިކީ ކޯޝަލާއި ސާރާ އަލީ ޚާންގެ "ޒަރަ ހަޓްކޭ، ޒަރަ ބަޗްކޭ" އެވެ.