Last Updated: July 20, 18:10
Monday, July 20, 2026
ދުނިޔެ

ސަންދޯކުގައި "ދިރުނު" މީހާ މަރުވެއްޖެ

"މަރުވެގެން" ޖަނާޒާ އަށް ތައްޔާރު ވަމުން ދަނިކޮށް ސަންދޯކުގެ ތެރޭގައި "ދިރުނު" އިކްއެޑޯގެ ދުވަސްވީ އަންހެން މީހާ މަރުވެއްޖެ އެވެ.

ސްޓްރޯކެއް ޖެހިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެނިކޮށް މި މަހުގެ 9 ގައި މަރުވި ކަމަށް ޑޮކްޓަރުން ނިންމި މީހާ އަކީ ބެލާ މޮންޓޯޔާ ކިޔާ 76 އަހަރުގެ މީހެކެވެ. އޭނަގެ ޖަނާޒާ އަށް މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު ތައްޔާރުވަމުން ދަނިކޮށް ސަންދޯކުގެ ތެރޭގައި ނޭވާލާކަން ފާހަގަކުރެވިގެން ވަގުތުން ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި ފަރުވާ ދޭން ފެށި އެވެ.

އޭގެ ހަފުތާއެއްހާ ދުވަސް ފަހުން މި މަހުގެ 16 ގައި ބެލާ މަރުވެފައިވާކަން ކަށަވަރުކޮށްދީ އޭނަގެ ދަރިފުޅު ޖިލްބަޓް ބާބެރާ ބުނީ "މަންމަ މިހާރު ހަގީގަތުގައި ވެސް ވަކިވެއްޖެ" ކަމަށާއި "އެކަމާ ވަރަށް ހިތާމަކުރާ" ކަމަށް ބުންޏެވެ.

މި ފަހަރު ބެލާގެ މަރު ކަށަވަރުކުރީ އެކަން ވަރަށް ރަނގަޅަށް ބެލުމަށް ފަހު، އިކްއެޑޯގެ ހެލްތު މިނިސްޓްރީން ބުންޏެވެ. އަދި އޭނަ އައިސީޔޫގައި އެޑްމިޓްކޮށްފައި އިރު ވަރަށް ގާތުން ހާލަތު 24 ގަޑިއިރު މޮނިޓަކުރަމުން ދިޔަ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.