"ދަ ޑިމޮކްރެޓްސް" އުފައްދަން ހުއްދަނުދީ އިލެކްޝަންސް ކޮމިޝަނުން ހިފެހެއްޓުމަކީ ކަންބޮޑުވުން އޮތްކަމެއް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ޕާޓީ އުފައްދައި ހިންގުމަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގެއް ކަމަށެވެ. އަދި އެހައްގު ހަނިވާގޮތަށް ގާނޫނު މާނަކޮށް "ދަ ޑިމޮކްރެޓްސް" ޕާޓީ އުފައްދަން ހުއްދަނުދީ ހިފެހެއްޓުމަކީ ނުހަނު ކަންބޮޑުވުން އޮތްކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތައް ހިމާޔަތްކުރުމަކީ ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް ލާޒިމުކަމެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.
ސިޔާސީ ޕާޓީ އުފައްދައި ހިންގުމަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގެއް ކަމަށްވާއިރު، އެހައްގު ހަނިވާގޮތަށް ގާނޫނު މާނަކޮށް"ދަ ޑިމޮކްރެޓްސް" ޕާޓީ އުފައްދަން ހުއްދަނުދީ ހިފެހެއްޓުމަކީ ނުހަނު ކަންބޮޑުވުން އޮތްކަމެއް. ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތައް…
— Mohamed Nazim (@nazim7878) June 19, 2023
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދް ތައުފީޤް ވިދާޅުވީ އީސީގެ ބައްދަލުވުމުގައި 4 މެންބަރުން ބައިވެރިވިއިރު ދެ މެންބަރުން ޕާޓީ އުފައްދަން ހުއްދަ ދޭން ވޯޓު ދިން ނަމަވެސް، ދެ މެންބަރުން އެކަމާއި ދެކޮޅަށް ވޯޓު ދީފައިވާ ކަމަށެވެ.
"ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ހުއްދަ ދިނުމާ ދެކޮޅަށް އީސީގެ ދެ މެންބަރަކު ވޯޓު ދީފައިވަނީ އިތުރަށް ބަލަން ޖެހޭ ކަންކަން ހުރިކަމަށް ބުނެ ކަމަށާއި އަދި ޤާނޫނުގައި ބުނާ 3 މަސް ދުވަހުގެ މުއްދަތު އެކަމަށް ހޭދަ ކުރުމަށް އެ މެންބަރުން ބޭނުންވާ ކަމަށް ވިދާޅުވެކަމަށް ވެސް ފުއާދް ވިދާޅުވިއެވެ.