ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވާފައިވާ ހުކުމާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެއްވެސް ގުޅުމެއްނެތްކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއިކޮށް އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ އަށް މިފަދަ ސިޓީއެއް ފޮނުވާފައިވަނީ އިއްޔެ އިދިކޮޅު ކޯލިޝަންގެ ފަރާތުން ރައީސް ސޯލިހާ ބައްދަލުކުރެއްވުމަށްއެދި ރައީސް އޮފީހަށް ފޮނުވި ސީޓީގެ ޖަވާބުގައެވެ.
އެގޮތުން ރައިސް އޮފީހުން ފޮނުވި ސިޓީގައި ބުނެފައިވަނީ އަބްދުއްރަހީމް ފޮނުވި ސިޓީގައި ބަޔާންކުރައްވާފައިވާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއްގެ މައްޗަށް ލިޔުއްވައިފައިވާ ވާހަކަތަކެއް ކަމަށް ރައީސް ސޯލިހް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
"އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިހާރު ތަންފީޒުކުރައްވަމުން ގެންދަވަނީ، ޝަރުއީ ކޯޓަކުން އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ހުކުމެކެވެ. މި ހުކުމަކާ ރައީސުލްޖުމްހޫރިއްޔާއާ އެއްވެސް ގުޅުމެއް ނެތެވެ." ރައީސް އޮފީހުން ފޮނުވި ސިޓީގައި ބުނެފައިވެއެވެ.
މިސިޓީގައި ބުނެފައިވަނީ އެއްވެސް މީހަކަށް އަނިޔާއެއް ދިނުމަކީ ރައީސް ސޯލިހް އިސްވެ ހުންނަވައިގެން ކުރައްވާނެ ކަމެއް ނޫން ކަމަށެވެ.
މީގެއިތުރުން ބުނެފައިވަނީ ރައީސް ޔާމީން ޝަރުއީ ހުުމެއް ތަންފީޒުކުރައްވަމުން ގެންދަވާއިރު އަދި ހުކުމުގެ އިސްތިއުނާފު މަރުހަލާ ހިނގަމުންދާއިރު އެފަދަކަމެއްގެ ތެރެއަށް ވެދެވަޑައިގެން އެކަމާ ގުޅޭގޮތުން އެއްވެސް ބަޔަކާ ބައްދަލުކުރުމަކީ ހަމަޖެހޭނެ ކަމެއް ނޫން ކަމަށެވެ.
ރައީސް އޮފީހުގެ ސިޓީގައި ބުނެފައިވަނީ ރައީސްގެ ފަރާތްޕުޅުން އެއްވެސް މީހަކަށް އަނިޔާއެއް ލިބޭކަމަށް ގަބޫލުކުރައްވާނަމަ، އެ މައްސަލައެއް ކަމާބެހޭ މުއައްސަސާއަކަށް ހުށަހަޅުއްވައިގެން ޝަރުއީ މަރުހަލާގެ ތެރެއިން ކުރިއަށްވަޑައިގަތުމަށް ރައީސް ސޯލިހް ދަންނަވާ ކަމަށެވެ.