Last Updated: June 7, 09:38
Sunday, June 7, 2026
ޚަބަރު

އަފީފް އެދިގެން ރައީސާ ބައްދަލު ކުރައްވައިފި

މެންބަރު ހަސަން އަފީފް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފްގެ އެދިވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެބޭފުޅާއާ ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު "އައްޑޫލައިވް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު ރައީސް ސޯލިހް މިއަދު އަފީފާ ބައްދަލުކުރެއްވީ އަފީފުގެ އެދިވަޑައިގަތުމަކަށް ކަމަށެވެ. އެބައްދަލުވުމާ ގުޅޭގޮތުން އިތުރު ތަފްސީލެއް މިވަގުތު ނެތްކަމަށް މިއުވާން ވިދާޅުވިއެވެ.

އަފީފް އަންނަނީ މިދުވަސްވަރު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުންނެވެ. އަފީފް ރިޔާސަތު ބަލަހައްޓަވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިއޮތުމުން އެބޭފުޅުން ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވާކަން ހާމަކުރެއްވުމުންނެވެ.

ރައީސް ނަޝީދަށް ތާއީދުކުރާ މެންބަރުން އެމްޑީޕީން ވަކިވިއިރު އަފީފްވެސް ވަނީ އެމްޑީޕީން ވަކިވެފައެވެ. އަދި އަލަށް އުފައްދާ "ދަ ޑިމޮކްރެޓްސް" ޕާޓީއަށް އަފީފް ވަނީ ސޮއިކުރައްވާފައެވެ.