Last Updated: June 7, 09:38
Sunday, June 7, 2026
ޚަބަރު

ޑިމޮކްރެޓްސްގެ ރަޖިސްޓްރީ ޖަލްސާ މި ހަފުތާގައި ބޭއްވޭނެ

އީވާ އަބްދުﷲ - ފޮޓޯ: މަޖިލިސް

"ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީކުރުމުގެ ޖަލްސާ މި ހަފްތާގައި ބޭއްވޭނެކަމުގެ އުންމީދު އެބައޮތްކަމަށް އެޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

"ދަ ޑިމޮކްރެޓްސް"ގެ ފަރާތުން އިލެކްޝަންސް ކޮމިޝަނާ ބައްދަލުކުރުމަށްފަހު ނިކުމެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އީވާ ވިދާޅުވީ 3000 މެންބަރުންގެ ފޯމު ޝައްކެއް ނެތް މިންވަރަށް ވެރިފައި ކުރެވިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަށަވަރު ކޮށްދީފައިވާ ކަމަށެވެ.

އެހެންނަމަވެސް ކޮމިޝަންގެ ދެ މެންބަރުންކަމަށްވާ އަލީ ނަޝާތު އަދި މުހައްމަދު އާސިފް އިތުރަށް ފޯމުތައް ޗެކުކުރުމަށް އެދުމަކީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެކަމަކީ އެހެން ޕާޓީތަކަށް ވެސް ކުރި ޑިމާންޑެއް ނޫން ކަމަށެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ އެޕާޓީ ރަޖިސްޓްރީ ކުރުމަށް ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ މާދަމާ ލިބޭނެކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި 300 ޑިމޮކްރެޓުން ހާޒިރުވެ އިރާދަކުރެއްވިއްޔާ ގާނޫނުގައިވާ ކަންކަން ފުރިހަމަކޮށްގެން އެ ޖަލްސާ މިހަފްތާގައި ކުރިއަށްގެންދާނެ ކަމަށް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދް ތައުފީޤް އިއްޔެ ވިދާޅުވީ އީސީގެ ބައްދަލުވުމުގައި 4 މެންބަރުން ބައިވެރިވިއިރު ދެ މެންބަރުން ޕާޓީ އުފައްދަން ހުއްދަ ދޭން ވޯޓު ދިން ނަމަވެސް، ދެ މެންބަރުން އެކަމާއި ދެކޮޅަށް ވޯޓު ދީފައިވާ ކަމަށެވެ. "ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ހުއްދަ ދިނުމާ ދެކޮޅަށް އީސީގެ ދެ މެންބަރަކު ވޯޓު ދީފައިވަނީ އިތުރަށް ބަލަން ޖެހޭ ކަންކަން ހުރިކަމަށް ބުނެ ކަމަށާއި އަދި ޤާނޫނުގައި ބުނާ 3 މަސް ދުވަހުގެ މުއްދަތު އެކަމަށް ހޭދަ ކުރުމަށް އެ މެންބަރުން ބޭނުންވާ ކަމަށް ވިދާޅުވެކަމަށް ވެސް ފުއާދް ވިދާޅުވިއެވެ.