އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް ހަމަވާ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ދައުލަތުން ހަމަޖައްސަވައިދެއްވާފައިވާ ރަސްމީ ގެކޮޅު 'މުރައިދޫގެ' އިން ނުކުމެވަޑައިގަންނަވާނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ ރައީސްގެ އިނާޔަތްތަކާ ގުޅޭގޮތުން ސުވާލު ކުރުމަށް ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް ހަމަވާ ދުވަހު 'މުރައިދޫގެ'އިން ނިކުންނާނެ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ މުރައިދޫގޭގައި ހުރުމަކީ އެއްގޮތަކަށްވެސް ކުރާހިއްވާ ކަމެއް ނޫންކަމަށެވެ. މުރައިދޫގެ ހުންނަނީ ވަރަށް ބޮޑަށް ބަންދުވެފައި ކަމަށްވެސް ރައިސް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑުވެސް ވަރަށް ބޮޑަށް އެދެން އަޅުގަނޑަށް ކެނެރީގެއަށް ބަދަލުވެވޭނެ ގޮތެއް ހޯދަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ނޯޓިސްއަށް 14 ދުވަސް ހަމަވާއިރު އަޅުގަނޑު މުރައިދޫގެއިން ދާނަން." ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނުގެ ސެކިއުރިޓީއާ ގުޅޭގޮތުން ސުވާލު ކުރުމުން ރައީސް ނަޝީދު ވަނީ ސެކިއުރިޓީ ނުދީފާނެތީ އެއްވެސް ވަރަކަށް ނުވިސްނަވާކަން ހާމަކުރައްވާފައެވެ.
"އަޅުގަނޑުގެ ސެކިއުރިޓީ ބަލަހައްޓާނެތޯ، ނޫންތޯ، ނުބަލަހައްޓައިގެން މަރާލައިފިއްޔާ މަރުވެފައި އޮންނާނީ ދެން އޭރުން. މިހާރުވެސް ކިރިޔާ އަޅުގަނޑު މިހުރީ." ރައީސް ނަޝީދު ވިދާޅުވިއެވެ.