Last Updated: July 25, 18:05
Saturday, July 25, 2026
މުނިފޫހިފިލުވުން

ބަވާލް" އަންނަ މަހު އެމެޒޯން ޕްރައިމަށް

ވަރޫން ދަނާއި ޖާންވީ ކަޕޫރް އެކީގައި ކުޅުނު ފުރަތަމަ ފިލްމު "ބަވާލް" އަންނަ މަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރާ ގޮތަށް ނިންމައި، ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި އެވެ.

މިއީ ސާޖިދު ނަދިއަދުވާ ޕްރޮޑިއުސްކޮށް، ނިތޭޝް ތިވާރީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. "ބަވާލް" ކުރިން ރިލިޒްކުރާ ގޮތަށް އޮތީ އެޕްރީލް މަހުގެ 4 ގައި ސިނަމާތަކުގަ އެވެ. އެކަމަކު ފަހުން އޮކްޓޯބަރު 6 ގައި ސިނަމާތަކަށް ގެންނަން ނިންމި އެވެ.

ނަމަވެސް މިހާރު ފިލްމުގެ ޓީމުން ނިންމީ ސިނަމާތަކަށް ފިލްމުގެ ގެނައުމުގެ ބަދަލުގައި ޑިޖިޓަލްކޮށް ޕްރީމިއާކުރާށެވެ. އެކަމަކު އަދި ވަކި ތާރީހެއް ނުނިންމަ އެވެ. މިއާ އެކީ "ބަވާލް" ވެފައި ވަނީ ފުލުފުލުގައި ޑިޖިޓަލްކޮށް ޕްރީމިއާކުރާ ޖާންވީގެ ތިން ވަނަ ފިލްމަށެވެ. މިދިޔަ އަހަރު އޭނަގެ "ގުޑް ލަކް ޖެރީ" އާއި "މިލީ" ރިލީޒްކުރީ ޑިޒްނީ ޕްލަސް ހޮޓްސްޓާއިންނެވެ.

ސިނަމާތަކަށް ނުގެނެސް، ޑިޖިޓަލްކޮށް ޕްރީމިއާކުރި ވަރޫންގެ ހަމައެކަނި ފިލްމަކީ 2020 ގެ "ކޫލީ ނަމްބަރު 1" އެވެ. ސާރާ އަލީ ޚާން ބަތަލާގެ ރޯލު ކުޅުނު އެ ފިލްމު ޕްރީމިއާކުރީ އެމެޒޯން ޕްރައިމުންނެވެ.

ޓެގް ލައިނަކަށް "އިވްރީ ލަވް ސްޓޯރީ ހޭޒް އިޓްސް އޯން ވޯ" ހިމަނާފައިވާ "ބަވާލް" ގެ ޑައިރެކްޓަރު ނިތޭޝްގެ އެންމެ ފަހުގެ ފިލްމަކީ ނެޝަނަލް އެވޯޑް ވެސް ހޯދި 2019 ގެ "ޗިޗޯރޭ" އެވެ. އޭނަ އަކީ އާމިރު ޚާންގެ "ޑަންގަލް" ވެސް ޑައިރެކްޓަރެވެ.