Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

އިމިގްރޭޝަންގެ ޚިދުމަތް އީދުގައި މެޑިކަލް އިމެޖެންސީ އަށް

އިމިގްރޭޝަން އައްޑޫ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު، ފޮޓޯ: އައްޑޫ ކައުންސިލް އިދާރާ

ބޮޑު ޢީދު ބަންދާއި ދިމާކޮށް މޯލްޑިވްސް އިމިގްރޭޝަނުން ދޭނީ ހަމައެކަނި ސިއްޙީ ކުއްލި ހާލަތަކަށް ޚިދުމަތް ކަމަށް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ކުރިއަށް ހައްޖާއި އަޟްހާ ޢީދާއި ގުޅިގެން ދިވެހި ޕާސްޕޯޓާއި، ވިސާގެ ޚިދުމަތައް މެދުކެނޑޭނެ ކަމަށެވެ. އެގޮތުން މިމަހުގެ 25 އިން 29 އަށް ޚިދުމަތް މެދުކެނޑޭނެ ކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ. މިމުއްދަތުގައި ޚިދުމަތް ދެވޭނީ ހަމައެކަނި މެޑިކަލް އިމެޖެންސީތަކަށް އެކަނި ކަމަށް އިމިގްރޭޝަނުން ބުނެއެވެ.


މިގޮތުން މިފަދަ ހާލަތްތަކުގައި ޚިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކުން މެޑިކަލް ރިފަރެންސާއި، އެފަރާތަކާއި ގުޅޭ މައުލޫމާތު އިމިގްރޭޝަންގެ އެ ޚިދުމަތަކަށް ކަނޑައެޅިފައިވާ ނަމްބަރަށް ވައިބާކޮށް ދިނުމަށް ވަނީ އެދިފައެވެ. އިމިގްރޭޝަނުން ވަނީ ޕާސްޕޯޓު ޚިދުމަތަށާއި، ވާކް ވިސާގެ ޚިދުމަތަށާއި، އެހެނިހެން ވިސާގެ ޚިދުމަތްތަކުން ކޮންމެ ޚިދުމަތަކަށް ނަންބަރެއް ހަމަޖައްސާފައެވެ.

އިމިގްރޭޝަންގެ ޚިދުމަތްތައް ޢީދު ބަނދާއި ގުޅިގެން މެދު ކަނޑާލާއިރު ސަރުކާރުގެ ގިނަ މުޢައްސާސަތަކުންވެސް ޒަރޫރީ ނޫން ޚިދުމަތްތައް މި މުއްދަތުގައި ނުދޭނެއެވެ. އެދުވަސްތަކުގައި ޒަރޫރީ ޙިދުމަތްތައް ދިނުމަށް އެކި މުއައްސަސާތަކުން ދަނީ އެކި ގޮތްގޮތް ހަމަޖައްސަމުންނެވެ.