އައްޑޫސިޓީ މީދޫގައި ޢީދަށް ފެންކުޅި ކުޅޭނެ ސަރަހައްދަކާއި، ފެން ކުޅޭނެ ގަޑިތައް ކަނޑައަޅައިފިއެވެ.
މީދޫ އަވަށު އޮފީހުން ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ، ޢީދުގެ މުނާސަބަތުގައި ފެން ކުޅި ކުޅުމަކީ އެ ސަރަހައްދުގައި ސަޤާފީ ގޮތުން ކުރާ ކަމެއް ކަމަށާއި، މިއަހަރުގެ އަޟްހާ ޢީދުގެ މުނާސަބަތުގައިވެސް ފެން ކުޅި ކުޅުމަށް ގިނަ ރައްޔިތުން ބޭނުންވާ ކަމަށެވެ. އެގޮތުން މިއަހަރުގެ ފެން ކުޅި ކުޅުމަށް ހަމަޖެހިފައިވަނީ މީދޫގެ ޓުއަރިޒަމް ޒޯން ސަރަހައްދުގައި ކަމަށް މީދޫ އަވަށު އޮފީހުން ބުނެއެވެ.
މި ސަރަހައްދުގައި ފެން ކުޅި ކުޅޭ ފަރާތްތަކުން ޙައްޖު މަހުގެ 10 އިން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށް ބޭނުން ކުރެވޭނެ ކަމަށް މީދޫ އަވަށު އޮފީހުން ބުނެއެވެ. އަދި ފެން ކުޅި ކުޅޭނީ ކޮންމެ ދުވަހަކުވެސް ހެނދުނު 10 އިން މެނދުރު 2:00 އާއި ހަމައަށް ކަމަށް ވަނީ ހަމަޖައްސާފައެވެ.
މީދޫގައި ފެން ކުޅި ކުޅުމުގެ ހަރަކާތް ކުރިއަށްދާއިރު، އެ ހަރަކާތުގައި ބައިވެރިވާން ބޭނުން ނުވާ ފަރާތްތަކުން އެ ވަގުތަކުގައި އެ ސަރަހައްދަށް ނުވަނުމަށް އަވަށު އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މީދޫގެ އެހެން އެއްވެސް ސަރަހައްދެއްގައި ފެން ކުޅީގެ އެއްވެސް ކިޅިވަރެއް ގެންދިއުމަކީ މަނާކަމެއް ކަމަށް އަވަށު އޮފީހުން ވަނީ އަންގާފައެވެ. މިއީ ރައްޔިތުންނަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ކަމަށް އަވަށު އޮފީހުން ބުނެއެވެ.