ޤައުމުގެ ތަރައްޤީގައި ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަށް އިސްކުރަން ޖެހޭ ކަމަށް ރައީސުލްޖުމުހޫއްރީއްޔާގެ ނައިބް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބް ރައީސް ފައިސަލް ނަސީމް މިހެން ވިދާޅުވީ، މިރޭ ބޭއްވި ސްޓެލްކޯގެ 26 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ކޮރޮސްރޯޑްސްގައި މިރޭ އޮތް ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ނައިބް ރައީސް ވިދާޅުވީ، ޤައުމު ތަރައްޤީއާއި މެދު ވިސްނާއިރު ކިތަންމެ ވަސީލަތް މަދު ޤައުމެއް ކަމަށްވީނަމަވެސް އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ ކާމިޔާބު ލިބޭނެ ކަމަށެވެ. އެހެން ކަމުން ޤައުމުގެ ތަރައްޤީއާއި ޤައުމަށް ފައިދާ ހުރި ކަންކަމުގައި ހުރިހާ ރައްޔިތުންވެސް އެއްބައިވަންތަކަށް އިސްކުރުމަކީ މުހިންމު ކަމެއް ކަމަށް ނައިބް ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ ރައްޔިތުންނާ ހަމަޔަށް ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި އެ ކުންފުންޏެއްގައި ނުވަތަ އެ އޮފީހެއްގައި މަސައްކަތްކުރާ މުވައްޒަފުންނަކީ އެކުވެރި، އެކަކު އަނެކަކަށް އެހީތެރިވާ ބަޔަކަށް ވުމަކީ މުހިންމުކަމެއްކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ މަސައްކަތުގެ މާޙައުލުގައި އުނގެނުމުގެ މުހިންމުކަން ހާމަކުރައްވައި، އެކަކަށް އެނގޭ އެއްޗެއް އަނެކާއަށް އުނގަންނައިދީ ދަސްކޮށްދިނުމަށް އިސްކަންދިނުމަށް ގޮވާލައްވިއެވެ.
This evening, Vice President @faisalnasym attended @stelcomaldives' 26th anniversary event and presented awards of special recognition to outstanding employees of the company. pic.twitter.com/YZHBe5cpY0
— The President's Office (@presidencymv) June 19, 2023
ސްޓެލްކޯއަށް 26 އަހަރު ވުމުގެ މުނާސަބަތުގައި ބޭއްވި މިޖަލްސާގައި އެމަނިކުފާނު ވަނީ ސްޓެލްކޯގެ ޚިދުމަތަށްވެސް އަލިއަޅޫވާލައްވާފައެވެ. އެގޮތުން އެކުންފުންޏާކީ ރައްޔިތުންނަށް އަސާސީ މުހިންމު ޚިދުމަތްތަކެއް ފޯރުކޮށްދޭ ކުންފުންޏެއް ކަން ފާހަގަކޮށް އެމަނިކުފާނު ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކުގައި އެކުންފުނިން ކަރަންޓު ޚިދުމަތަށް ހެޔޮބަދަލުތަކެއް ގެނެސްދީފައިވާ ކަމަށެވެ. މިގޮތުން މާލެ ސަރަޙައްދާއި، މާލެ ކައިރީ ސަރަޙައްދުތަކަށް ބަލާއިރު ތިރީސް އެތައް ރަށުގައި ޒަމާނާ އެއްގޮތަށް ކަރަންޓާއި ނަރުދަމާގެ ޚިދުމަތް ސްޓެލްކޯއިން ފުޅާ ކުރަމުން އަންނަކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ނައިބް ރައީސް ފައިސަލްގެ ވާހަކަފުޅުގައި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ވަރަށް ބޮޑަށް ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް އިސްކަން ދެއްވާކަމަށް ވިދާޅުވިއެވެ. މިގޮތުން އިންޖީނުގެ ތަކަށް ބަލާލިކަމުގައިވިޔަސް އަތޮޅު ތެރޭގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ލާމަރުކަޒީކޮށް ރާއްޖޭގެ އަތޮޅުތަކާއި ރަށްތަކުގެ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންދާކަން ފާހަގަކުރައްވާފައެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސްޓެލްކޯގެ އައުޓްސްޓޭންޑިން ސަރވިސް އެވޯޑް ލިބިވަޑައިގެންނެވި އެ ކުންފުނީގެ ޑެޕިއިޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ލަތީފަށް ޚާއްޞަ އެވޯޑެއް ޙަވާލުކޮށްދެއްވާފައެވެ. އަދި، މި ޖަލްސާގައި ސްޓެލްކޯއިން ވަނީ އެ ކުންފުނީގައި ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި މުވައްޒަފުންގެ އަގުވަޒަންކޮށްފައެވެ.