Last Updated: July 24, 10:38
Friday, July 24, 2026
ޚަބަރު

ސްޓެލްކޯ އިން ކަރަންޓަށް ހެޔޮ ބަދަލެއް ގެނެސްދީފި

ސްޓެލްކޯ އިން ކަރަންޓުގެ ހިދުމަތަށް ހެޔޮ ބަދަލުތަކެއް ގެނެސްދީފައިވާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ސްޓެލްކޯގެ 26 ވަނަ އަހަރީ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ ސްޓެލްކޯ އަކީ ވަރަށް މުހިންމު އަސާސީ ޚިދުމަތެއް ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއް ކަމަށާއި ވޭތުވެތިޔަ އަހަރަތަކުގައި ރާއްޖޭގެ ކަރަންޓުގެ ޚިދުމަތަށް ވަރަށް ގިނަ ހެޔޮ ބަދަލުތަކެއް ގެނެސްދީފައިވާ ކަމަށެވެ.

މިގޮތުން މާލެ ސަރަޙައްދާއި، މާލެ ކައިރީ ސަރަޙައްދުތަކަށް ބަލާއިރު 30 އެތައް ރަށުގައި ޒަމާނާ އެއްގޮތަށް ކަރަންޓާއި ނަރުދަމާގެ ޚިދުމަތް ސްޓެލްކޯއިން ފުޅާ ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ރައްޔިތުންނާ ހަމައަށް ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި އެ ކުންފުންޏެއްގައި ނުވަތަ އެ އޮފީހެއްގައި މަސައްކަތްކުރާ މުވައްޒަފުންނަކީ އެކުވެރި، އެކަކު އަނެކަކަށް އެހީތެރިވާ ބަޔަކަށް ވުމަކީ މުހިންމު ކަމެއް ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ. އަދި މަސައްކަތުގެ މާޙައުލުގައި އުނގެނުމުގެ މުހިންމުކަން ހާމަކުރައްވައި، އެކަކަށް އެނގޭ އެއްޗެއް އަނެކާއަށް އުނގަންނައިދީ ދަސްކޮށްދިނުމަށް އިސްކަންދިނުމަށް ގޮވާލައްވާފަ އެވެ.

މީގެއިތުރުން މި ސަރުކާރުން ވަރަށް ބޮޑަށް ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް އިސްކަން ދެއްވާ ކަމަށާއި، މިގޮތުން އިންޖީނުގެ ތަކަށް ބަލާލިކަމުގައިވިޔަސް އަތޮޅު ތެރޭގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރެއްވި އެވެ.

މި ޖަލްސާގައި ސްޓެލްކޯއިން ވަނީ އެ ކުންފުނީގައި ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި މުވައްޒަފުންގެ އަގުވަޒަންކޮށްފަ އެވެ.