ސްޓެލްކޯއިން ދޭ ހިދުމަތާއި އެއްވަރު ކުރެވޭނެ ކުންފުންޏެއް ވުޖޫދުގައި ނެތް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
ސްޓެލްކޯގެ 26 ވަނަ އަހަރީ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ޖަލްސާގައި ޝަރީފް ވިދާޅުވީ ސްޓެލްކޯ އިން ދެމުން އަންނަނީ ދެވަނައެއް ނެތް ފަދަ ހިދުމަތެއް ކަމަށެވެ.
"ރާއްޖޭގެ ރައްޔިތުންނަށް އެނގިވަޑައިގަންވާނެ އަޅުގަނޑުމެން ދޭ ހިދުމަތުގައި ދެވަނަ އެއް ނެތް. ސްޓެލްކޯއިން ދޭ ހިދުމަތާއި އެއްވަރު ކުރެވޭނެ ހިދުމަތެއް ދޭނެ ކުންފުންޏެއް އަދި ވުޖޫދަކަށް ނާދޭ." ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ކަރަންޓުގެ ހިދުމަތް ދޭން ސަރުކާރުން އުފެއްދި ކުންފުނި މިހާރު ވަނީ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތްވެސް ދޭން ފަށާފައި ކަމަށެވެ. ފެނާއި ނަރުދަމާގެ ހިދުމަތަކީ ސްޓެލްކޯ އަށް އާ ދެ ހިދުމަތް ނަމަވެސް މިހާރު ފެނާއި ނަރުދަމާގެ ހިދުމަތްދޭ އެހެން ކުންފުނިތަކާއި އެއްވަރުގެ ހުނަރުވެރި ގާބިލް މުވައްޒަފުންތަކެއް ސްޓެލްކޯގައި އުފެއްދިފައި އެބަތިބި ކަމަށް ޝަރީފް ވިދާޅުވި އެވެ.
ސްޓެލްކޯ އިން މިހާރު މަސައްކަތް ކުރަނީ ކޮންމެ މަހަކު ކަރަންޓު ބިލު ހަވާލު ކުރުމުން އެ ކުންފުންޏަށް އަމާޒު ކުރާ ތުހުމަތުތަކަށް ހައްލު ހޯދުމުގެ މަސައްކަތް ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހިދުމަތް ހޯއްދަވާ ހުރިހާ ބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ، ޔަގީން ކުރައްވާ. ސްޓެލްކޯއިން އަޅުގަނޑުމެން ތިބޭފުޅުން ބޭނުން ނުކުރައްވާ ކަރަންޓަކަށް ބިލެއް ނުކުރާނަން. އަދި މިހާތަނަށް ވެސް ކޮށްފައިއެއް ނެތް. ކުރިމަގުގައިވެސް ނުކުރާނަން." ޝަރީފް ވިދާޅުވި އެވެ.
މި ޖަލްސާގައި ސްޓެލްކޯއިން ވަނީ އެ ކުންފުނީގައި ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި މުވައްޒަފުންގެ އަގުވަޒަންކޮށްފަ އެވެ.