މިދިޔަ އަހަރު ރިލީޒްކުރި އިންޑިއާގެ ކާމިޔާބު ފިލްމު "އާރްއާރްއާރް" ގެ ބަތަލު ރާމް ޗަރަން އަށް އަންހެން ކުއްޖަކު ލިބިއްޖެ އެވެ.
މިއީ 38 އަހަރު އެކްޓަރާއި އަންހެނުން އުޕަސާނާ ކަމިނޭނީގެ 11 އަހަރުވީ ކައިވެންޏަށް ލިބުނު ފުރަތަމަ ދަރިފުޅެވެ. ރާމް ބައްޕައަކަށްވާން އުޅޭކަން އިއުލާންކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
މިއަދުގެ ވަރަށް ފަތިހުގެ ވަގިތެއްގައި އުޕަސާނާ ވިހެއީ ހައިދަރުއާބާދުގެ ޖުބިލީ ހިލްސްގެ އެޕޯލޯ ހޮސްޕިޓަލްގަ އެވެ. މިދިޔަ އެޕްރީލް މަހު އަންހެނުންނާ އެކީ ރާއްޖޭގައި ޗުއްޓީ ވެސް ހޭދަކުރި ރާމް އަށް ދަރިއަކު ލިބުނުކަން އެނގުމާ ގުޅިގެން ފޭނުންތައް މިހާރު އަންނަނީ ސޯޝަލް މީޑިއާގައި މަރުހަބާ ކިޔަމުންނެވެ.

ރާމް އަކީ އިންޑިއާގެ އެންމެ މަޝްހޫރު ތެލެގޫ އެކްޓަރުންގެ ތެރެއިން އެކެކެވެ. އޭނަ މިހާތަނަށް ވަރަށް ކާމިޔާބު ފިލްމުތަކެއް ކުޅެފައިވެ އެވެ. ރާމް އަކީ މަޝްހޫރު އެކްޓަރު ޗިރަންޖީވީގެ ދަރިއެކެވެ.
ޕްރިޔަންކާ ޗޯޕްޅާއާ އެކީ 2013 ގެ "ޒަންޖީރު" ވެސް ކުޅުނު ރާމްގެ ކުރިއަށް އޮތް ފިލްމަކީ ޑައިރެކްޓަރު އެސް ޝަންކަރްގެ "ގޭމް ޗޭންޖާ" އެވެ.